31 Mar 2013, 10:08
އިނގިރޭސި ޕްރިމިއާ ލީގުގެ ސަންޑަލޭންޑްގެ ކޯޗް މާޓީން އޮނީލް އެ ކުލަބުގެ ކޯޗުކަމުން ބޭރުކޮށްފިއެވެ.
އޮނީލް ސަންޑަލޭންޑުގެ ކޯޗުކަމުން ވަކި ކޮށްފައި މިވަނީ އެކުލަބުގެ ސްޓޭޑިއަމް އޮފް ލައިޓްގައި ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެ ކޮޅަށް ކުޅެ ސުމެއް އެކަކުން ބަލިވި މެޗަށް ފަހުގައެވެ. އެ މެޗުން ބަލިވުމުން ސަންޑަލޭންޑް މިވަގުތު އޮތީ ލީގުގައި ބާކީ އޮތް ހަތް މެޗާ އެކު ރެލިގޭޝަން ޒޯނާ އެންމެ ފިޔަވަޅެއް ދުރުގައެވެ.
މީގެ 15 މަސްދުވަސް ކުރިން އޮނީލް ސްޓޭޑިއަމް އޮފް ލައިޓަށް އައުމަށް ފަހު ކުލަބަށް ހޯދައިދިން ކާމިޔާބީތައް މިސީޒަނުގެ ފަހުކޮޅަށް އެޅުމުން ވަނީ ފަނޑު ވާން ފަށާފައެވެ. އެގޮތުން އެ ކުލަބު އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ވެފައެއް ނުވެއެވެ.
ސަންޑަލޭންޑުން ބުނެފައިވަނީ ސަންޑަލޭންޑުން އެ ކުލަބުގެ ކޯޗުކަމުން މާޓީން އޮނީލް ވަކިކޮށްފި ކަމަށާއި އަދި އެ ކުލަބަށް އޮނީލްގެ ފަރާތުން ލިބުނު ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޮނީލްއަށް ބާއްޖަވެރި މުސްތަގުބަލެއް އެދޭކަމަށާއި، އޮނީލްއަށް ފަހު ކުލަބުގެ ކޯޗުކަމަށް ގެންނާނޭ ފަރާތެއްގެ މައުލޫމާތު ފަހުން ހިއްސާކުރާނޭ ކަމަށެވެ.
އޮނީލް ވެގެން ގޮސްފައި މިވަނީ ޕްރިމިއާ ލީގުގައި މި ސީޒަން ފެށުނު ފަހުން ވަކިކުރި ފަސްވަނަ ކޯޗަށެވެ. އެ ގޮތުން އެންމެ ފުރަތަމަ ޗެލްސީގެ ކޯޗުކަމުން ރޮބާޓޯ ޑިމެޓިއޯ، ކިއުޕީއާރުގެ ކޯޗުކަމުން މާކު ހިއުސް، ސައުތެމްޕްޓަންގެ ކޯޗުކަމުން ނިޖެލް އެޑްކިންސް، އަދި ރެޑިންގެ ކޯޗްކަމުން ބްރެއިން މެކްޑަމޮޓް މިސީޒަންގައި ވަކިކޮށްފައި ވެއެވެ.