31 Mar 2013, 10:07
ރާއްޖޭގެ އިންޓަނޭޝަނަލް އެއާލައިނެއް ކަމަށްވާ މެގަމޯލްޑިވްސް އިން ޗައިނާގެ ވެރިރަށް ބެއިޖިންއާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސްއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުން އެބަދެ އެވެ.
ވައިގެ ދަތުރުފަތުރާ ބެހޭ ހަބަރުތައް ފަތުރާ ސީއެޗް އޭވިއޭޝަން ނޫހުން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންއާއި މޮރިޝަސްގެ ސަ ސީވޫސަގުރު ރަމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އަންނަ ޖުލައި މަހުގެ ނުވަވަނަ ދުވަހު ދަތުރުތައް ފަށާނެ ކަމަށެވެ.
ނޫހުން އަދި ބުނީ ޗައިނާއާ ރާއްޖެއާ ދެމެދު މެގަމޯލްޑިވްސް އިން މިހާރު ހަފުތާ އަކު ވަކި ވަރަކަށް ކުރަމުން އަންނަ ދަތުރުތައް ކޮންމެ ދުވަހަކު ކުރާ ދަތުރުތަކަކަށް ބަދަލުކުރަން އެ އެއާލައިނުން ރާވަމުން އަންނަ ކަމަށާ އަންނަ އޮގަސްޓްމަހުގެ 21 ވަނަ ދުވަހު އެ ހިދުމަތް ފަށާނެ ކަމަށެވެ.
ސީއެޗް އޭވިއޭޝަނުން ބުނީ މެގަމޯލްޑިވްސް އިން މިހިދުމަތްތައް ފަށަނީ މިއަހަރު ކުރީކޮޅު ޗައިނާއާ ރާއްޖެ އަދި މޮރިޝަސްގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ޗައިނާގެ ހަ މަންޒިލަކާއި ދެކުނުކޮރެއާގެ ވެރިރަށް ސޯލްއަށް މިހާރު ވެސް ދަތުރުކުރަމުން އަންނަ މެގަމޯލްޑިވްސް އިން އަންނަނީ އެ އެއާލައިންގެ ދަތުރުތައް އިތުރު މަންޒިލުތަކަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.