މޮސްކޯ (މާޗް 31): ރަޝިޔާގައި ޙަރަކާތްތެރިވާ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ބަލައި ފާސްކުރުމުގެ ޢަމަލުތަކަށް އެމެރިކާ ފާޑުކިޔުމުން އެއީ ރަޝިޔާގެ ދާޚިލީ ކަންތައްތަކާ އެމެރިކާ ބެހުންކަމަށް ރަޝިޔާގެ ޚާރިޖިއްޔާއިން ސިފަކޮށްފި އެވެ.

ރަޝިޔާގެ ޚާރިޖިއްޔާ އިން ބުނީ އެގައުމުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޢަމަލުތައް ހުންނަގޮތުން އެފަރާތްތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް އެނގެނީ ރަޝިޔާ ސަރުކާރަށް ކަމަށާ އެމެރިކާއަށް ނޫންކަމުގަ އެވެ. ރަޝިޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި، އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި އެގައުމުގައި ޙަރަކާތްތެރިވާ ހިޔުމަން ރައިޓްސް ވޮޗް ފަދަ ޖަމާއަތްތަކަށް ސިޔާސީ މަޤްސަދްތައް ޙާސިލްކުރުމަށް ޓަކައި އެމެރިކާ އިން ފައިސާ ދޭކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ރަޝިޔާގެ ޤާނޫނުތަކާ ދެކޮޅަށާ އަދި ރަޝިޔާގައި ހަމަނުޖެހުން އުފެއްދުމަށް އިންސާނީ ހައްޤުތައް ހަތިޔާރަކަށް ހަދައިގެން އެޖަމާއަތްތަކުން މަސައްކަތްކުރާ ކަމަށާއި މިކަމުގެ ފަހަތުގައި އެމެރިކާ އޮންނަ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

ރަޝިޔާގެ ސަލާމަތީ ބާރުތަކުންވަނީ މޮސްކޯގައި ހުންނަ އެމެރިކާގެ ހިޔުމަން ރައިޓްސް ވޮޗް ޖަމާއަތާއި އިންސާނީ ހައްޤުތަކުގެ ނަމުގައި މަސައްކަތްކުރާ ބައެއް އެހެން މަދަނީ ޖަމާއަތްތަކުގެ އޮފީސްތަކަށް ވަދެ އެ އޮފީސްތަކާއި ބަލައި ފާސްކޮށް އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާ ސުވާލުކޮށްފަ އެވެ. ހިޔުމަން ރައިޓްސް ވޮޗްގެ އިސް ބޭފުޅެއް ކަމަށްވާ ރަޗޭލް ޑެންބާ ރަޝިޔާގެ މިޢަމަލު ސިފަކޮށްފައި ވަނީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގި ބިރުދެއްކުމުގެ ޢަމަލުތަކެއް ކަމަށް ސިފަކޮށްފަ އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލޭންޑް ވަނީ ރަޝިޔާގެ މިޢަމަލަކީ ބައިނަލްއަޤްވާމީ މުޖްތަމައު ގަބޫލުނުކުރާނެ ނުބައި ޢަމަލެއްކަމަށް ސިފަކުރައްވާފަ އެވެ.

ރަޝިޔާގެ ސަލާމަތީ ބާރުތަކުން ބަލައި ފާސްކުރި މަދަނީ ޖަމްޢިއްޔާތަކުގެ އޮފީސްތަކުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޓްރާންޕޭރަންސީ ޖަމާއަތަށް ނިސްބަތްވާ ރަޝިޔާގެ ލޯކަލް ގޮފީގެ އޮފީސް ވެސް ހިމެނެ އެވެ. މިޖަމާއަތްތަކުން އިންސާނީ ހައްޤުތަކާއި ޓްރާންސްޕޭރަންސީގެ ހެދުންލައިގެން ބޭރުގައުމުތަކުގެ ސިޔާސީ އެޖެންޑާތައް ރަޝިޔާގައި ހިންގަމުން ގެންދާކަމަށް ތުހުމަތުކޮށް މިފުރްސަތު އެޖަމާއަތްތަކަށް ނުދޭނެ ކަމަށް ރަޝިޔާގެ ސަލާމަތީ ބާރުތަކުން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)