ނައިރޫބީ (މާޗް 31): ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އޮހޯރޯ ކެންޔާޓާ ކަމަށް ކެންޔާގެ ސްޕްރީމް ކޯޓުން ޙުކުމްކޮށްފި އެވެ.

ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ސައްޙަކަމާބެހޭ ގޮތުން އެއިންތިޚާބުގައި ބަލިވެވަޑައިގެންނެވި ރައިލާ އޮޑިންގާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ކޯޓުން އިއްޔެ ކުރި ޙުކުމްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ގޮސްފައި ވަނީ އިންސާފުވެރިކޮށް ކަމަށާއި އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އޮހޯރޯ ކެންޔާޓާ ކަމުގަ އެވެ. ކޯޓުގެ ޙުކުމަށް ފަހު އޮޑިންގާ ވިދާޅުވީ އިޙްތިޖާޖްތައް ކުރިޔަށް ގެންދަވާނީ ސުލްޙަ ވެރިކޮށް ކަމަށާއި ރިޔާސީ އިންތިޚާބަކީ ސައްޙަ އިންތިޚާބެއް ކަމަށް ޤަބޫލުނުކުރައްވާ ކަމުގަ އެވެ.

މިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މަކަރުހަދައި އޮޅުވާލުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް ބުނެ އެއިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައިލާ އޮޑިންގާ ހުށަހެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގައި އޮޅުވާލުމުގެ ޢަމަލުތައް ހިންގާފައިވާކަން ސާބިތުކޮށްދެވޭ ވަރުގެ ހެކި އޮޑިންގާއަށް ދެއްކިފައިނުވާ ކަމުގަ އެވެ. ސުޕްރީމް ކޯޓުގެ ޙުކުމާގުޅިގެން ކެންޔާޓާ އަށް ތާއީދުކުރާ ފަރާތްތަކުންވަނީ އުފާފާޅުކޮށްފަ އެވެ. މި ޙުކުމާ ގުޅިގެން ހަމަނުޖެހުން ނުއުފެއްދުމަށާއި ހިމޭންވެ ތިބުމަށް ކެންޔާގެ ރައީސް މުވާއި ކީބާކީ ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރައްވާފަ އެވެ.

މީގެކުރިން ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އޮޑިންގާ ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. އެއިންތިޚާބުގައި އޭނާ ނާކާމިޔާބުވެވަޑައިގަތުމާ އެކު ކެންޔާގައި ހިނގި ހަމަނުޖެހުންތައް އެތަށް މަސްތަކަކަށް ދިގުދެމިގެންގޮސް 150 އަށްވުރެ ގިނަ މީހުން މަރުވެ މާއްދީ އެތަށް ގެއްލުމެއް ކެންޔާއަށް ލިބިފައިވެ އެވެ. އެފަހަރުގެ އިންތިޚާބުގައި އޮޑިންގާއާ އެންމެ ގާތުން ވާދަކުރެއްވީ މިހާރުގެ ރައީސް މުވާއި ކިބާކީ އެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ކިބާކީ ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

މި މަހުގެ 4 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އޮހޯރޯ ކެންޔާޓާ އަކީ ކެންޔާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާކަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ހާމަވެފައިވީ ނަމަވެސް މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމާގުޅިގެން ދާއިމީ ނަތީޖާ އިޢްލާންކުރުންވަނީ މަޑުޖައްސާލާފަ އެވެ.

ކެންޔާޓާއަކީ މީގެކުރިން ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކާގުޅިގެން އެކަމުގެ ތުހުމަތު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ބޭފުޅެކެވެ. މިމައްސަލައާގުޅިގެން ކެންޔާޓާ ވިދާޅުވީ އޭނާ ހުންނެވީ ބައިނަލްއަޤްވާމީ މުޖްތަމަޢާ މުޢާމަލާތް ކުރުމަށް ތައްޔާރަށް ކަމުގަ އެވެ. (ނޫސްއެޖެންސީތައް)