31 Mar 2013, 09:38
ދިވެހިން ސިޔާސީ ޕާޓީތަކަށް އާނއެކޭ ބުނީ މިނިވަންކަމަށް ޓަކަ އެވެ. ގައުމުގެ ކުރިއެރުމަށް ޓަކަ އެވެ. އިގްތިސާދީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް ޓަކަ އެވެ. އެއްވެސް ގޮތަކަށް ގައުމު ފުނޑުފުނޑުކޮށް ގައުމުގެ އަގުވައްޓައިލާކަށް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް މި ގައުމުގައި ފެންގެންދަނީ ސިޔާސީ ޕާޓީއަކުން ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގަމުންދާ ތަނެވެ. އެއީ ނާޒުކުކަން އިންތިހާއަށް ގޮސްފައިވާ މިގައުމުގެ އިގްތިސާދު ފުނޑުފުނޑު ކުރުމަށް މަސައްކަތްކުރުމެވެ. ސިޔާސީ ވަގުތީ މަގުސަދަކަށް ޓަކަ އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު ނިމުމަކަށް އައުމާ އެކު ބޭރުދުނިޔޭގައި ރާއްޖެއާ ގުޅޭ ގޮތުން އެންމެ ބޮޑަށް ދެކެވިގެންދިޔަ ވާހަކައަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި ފެށި ކެމްޕެއިންތަކުގެ ވާހަކަ އެވެ. ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި ބޭރު ގައުމުތަކުގައި ދިވެހިން އިސްވެ ތިބެގެން ކޮށްފައިވާ ކެމްޕެއިންތަކުގެ ނަތީޖާ އަކަށް ވެގެންދިޔައީ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމެވެ. އަދި އެބޮއިކޮޓް ކެމްޕެއިންތަކުގެ އަސަރު ވަނީ ރާއްޖޭގެ ނާޒުކު އިގްތިސާދަށް ވެސް ކޮށްފަ އެވެ. އޭރުން ފެށިގެން މިހާތަނާ ހަމައަށް ވެސް ދޭތެރެދޭތެ އިން ކުރަމުން އަންނަ އެބޮއިކޮޓް ކެމްޕެއިންތަކުގެ އަޑު މިހާރު އަނެއްކާ ވެސް މިވަނީ އިތުރަށް ވަރުގަދަކޮށް ރާއްޖޭގެ އަގު ވައްޓާލުމުގެ އިތުރު މަސައްކަތްތަކެއް ފަށައިފަ އެވެ.
"ބުކިން ހަދާފައިވާ ކޮންމެ މީހަކަށް އަޅުގަނޑު ބުނާނީ ބުކިން ކެންސަލް ކުރާށޭ، ބުކިން ހަދަން ވިސްނަމުންދާ ކޮންމެ މީހަކަށް އަޅުގަނޑު ބުނާނީ ގާނޫނާ ހިލާފު ސަރުކާރަކަށް ފައިސާ ނުދޭށޭ،" އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ޓޫރިޒަމަށް ބަރޯސާވެފައިވާ މިގައުމުގެ އިގްތިސާދުގެ ނާޒުކުކަމުގެ މިންވަރަކީ އިތުރަށް ނުދެންނެވި ނަމަވެސް އެންމެނަށް ވެސް އެނގޭ ހަގީގަތެކެވެ. މިގައުމުގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިގައުމަކީ އުފެއްދުންތެރިކަމެއް ނެތް ނަމަވެސް ބޭރުގެ މުދަލަށާއި ހިދުމަތްތަކަށް ބަރޯސާވާން ޖެހިފައިވާ ގައުމަކަށްވާ ކަމެވެ. މިގައުމުން "އެކްސްޕޯޓް ކުރެވޭ" އަދި ގައުމަށް ބޮޑު ފައިދާއެއް ލިބޭ ހަމައެކަނި އިގްތިސާދީ ދާއިރާއަކީ ޓޫރިޒަމް ދާއިރާއެވެ. ހަމަގައިމުވެސް ޓޫރިޒަމް ދާއިރާއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރަކީ ވެސް ރާއްޖޭގެ ނާޒުކު އިގްތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
ދިވެހިންގެ އާންމު ރައްޔިތުން ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު 40000 އަށް ވުރެ ގިނަ ދިވެހިން ޓުރިޒަމް ދާއިރާގައި މަސައްކަތް ކުރަމުންދެ އެވެ. އެހެންކަމުން ކޮންމެ ދިވެހި އާއިލާއެއް ވެސް ވަނީ ވަޒީފާގެ ގޮތުން ވެސް އެދާއިރާއަށް ބަރޯސާ ވެފަ އެވެ. އަދިހަމައެހެންމެ އެދާއިރާއަކީ ރާއްޖެ އަށް ބޭރު ފައިސާ ލިބޭ އަދި ދިވެހިންގެ ބަހުން ނަމަ "ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު" ވެސް މެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނީ 4.3 ޕަސެންޓްއަށް ކަމަށްވާ އިރު އޭގެތެރެއިން ވެސް ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. އެހެންކަމުން މިދާއިރާ އަށް އަންނާނެ ކޮންމެ ލޮޅުމަކީ މިރާއްޖެއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖޭގެ ދަރަނީގެ މިންވަރު ވަނީ ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ގަބޫލްކުރާ މިންގަނޑުން ބޭރުވެ އިންތިހާއަށް ބޮޑުވެފަ އެވެ. އެގޮތުން ގައުމުގެ ދަރަނި 31.3 ބިލިއަން ރުފިޔާއާ ގާތްކުރާ އިރު މިއަހަރު ނިމޭއިރު ދަރަނީގެ ނިސްބަތް ޖީޑީޕީގެ 82 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެ އެވެ. އެހެންކަމުން ހަގީގަތުގައި ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނުރައްކާތެރި މަރުހަލާގަ އެވެ.
ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ބަލާ އިރު ހަމަގައިމު ވެސް އެހަރަކާތްތައް ވެގެންވާނީ ގައުމީ މަސްލަހަތު އިސްވެފައިވާ ހަރަކާތަކަށެވެ. އެބައެއް ކުރާ ކޮންމެ ކަމަކީ ވެސް ގައުމަށްޓަކައި ކުރާ ކަމަކަށް ހަދަން ޖެހެ އެވެ. ވަކި މީހަކު ނުވަތަ ވަކި ބަޔަކު ވެރިކަމުގައި ތިބީތީ ގައުމުގެ އަގު ވައްޓައިލާން ނުވަތަ ގައުމުގެ އިގްތިސާދު ހަލާކުކުރަން އުޅޭއުޅުމަކީ ގައުމު ދެކެ ލޯބިވާ އަދި ދުރު މުސްތަގުބަލަކަށް ވިސްނާ ބަޔަކު ކޮށްގެންވާނެ އަދި ކުރާނެ ކަމެއްވެސް ނޫނެވެ.
އެބޭފުޅަކު ވެރިކަމުގައި ހުންނަވާއިރުގައި ނޫނީ ރާއްޖޭގައި އިގްތިސޯދެއް ވެސް އޮވެގެން ނުވާކަށާއި ވެރިކަމުގައި އެބޭފުޅަކު ނެތިއްޔާ އިގްތިސޯދު ވައްޓާލައި އިނދައްޖައްސައި، ޓޫރިޒަމް ވެސް އޮންނާންވީ އެބޭފުޅެއްގެ ވެރިކަމުގައި އެކަނި ކަމަށް ދެކޭ ނަމަ އެއީ އޭގެ ސަބަބުން ރައްޔިތުން ބިކަވާނެ ކަމެކެވެ. އަދި ހަމައެހެންމެ ރާއްޖޭގެ އިގްތިސާދު އިނދަޖައްސާލުމަށް ޓަކައި މިހާރު ކުރަމުންދާ ޓޫރިޒަމް ބޮއިކޮޓް ކެޕްއިންގެ ސަބަބުން ރާއްޖޭގެ ޒަމާންވީ ޓޫރިޒަމްގެ އަގު ވެއްޓިއްޖެ ނަމަ ހަމަގައިމު ވެސް އަނބުރާ ރާއްޖޭގެ ޓޫރިޒަމް ހަމަމަގަށް އެޅުވުމަކީ ވަރަށް ވެސް އުނދަގޫ ވާނެ ކަމެކެވެ. އެކަމަށް އެތައް ފައިސާއެއް ހަރަދު ކުރާން ޖެހޭނެ ކަމެކެވެ. އެހެންކަމުން ސިޔާސީ މަގުސަދެއްގައި ކުރާ ޓޫރިޒަމް ބޮއިކޮޓް ކެމްޕެއިންތަކަކީ ގައުމުގެ މުސްތަގުބަލާ މެދު ނުވިސްނޭ ނުވަތަ ނުވިސްނާ ބަޔަކު ކުރާ ދަށުދަރަޖައިގެ އަމަލުތަކެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރިއަށްގެންދާ އެ އެންޓި ކެމްޕެއިންތަކަކީ ރާއްޖޭގެ ޓޫރިޒަމް އަގު ވައްޓާލުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ ކެމްޕެއިންތަކުގެ ސަބަބުން ހަމައެކަނި ވެއްޓިގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ އަގު އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ އަގު ވެސް ވެއްޓިގެން ދާނެ ކަމަށެވެ.
"މިއީ ޓޫރިޒަމް ދާއިރާއާ އެކު މުޅި ގައުމުގެ އިގްތިސާދާއި އަގު ވައްޓާލުމަށް ހިންގާ ހަރަކާތްތަކެއް." މަލީހު ވިދާޅުވި އެވެ.
ގައުމެއްގެ އިގްތިސާދު ހަލާކުވުމަކީ ހުރިހާ ރައްޔިތުނަށް އޭގެ ވޭންދެނިވި އަސަރުކުރާނެ ކަމަކަށްވާއިރު އެންމެ ބޮޑު އަސަރެއްކުރާނީ ހަމަ ނިކަމެތި ރައްޔިތުނަށެވެ. މިސާލަކަށް ބަލަމާހިނގާށެވެ. މިގައުމުގެ އިގްތިސާދް ފުނޑުފުނޑުވެ ނެތިގެންދާއިރު މިހާތަނަށް ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށާއި މަޖިލީހުގެ މެމްބަރުނަށާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ފައިސާ ހުރި މުއްސަދިންނަށް އޭގެ ބޮޑު އަސަރެއް ނުކުރާނެ އެވެ. ސަބަބަކީ އެމީހުންނަށް ސަލާމަތްވެވޭ ވަރަށް ހިމާޔަތާއި އިނާޔަތް ލިބޭނެތީ އެވެ. ނަމަވެސް އެ މުއްސަދިން ގާތުގައި ވަޒީފާގައި ތިބި ނިކަމެތި އާދައިގެ ރައްޔިތުންގެ ވަޒީފާދާ ނީ ގެއްލިގެންނެވެ. އަދި ގިނަ ބަޔަކު ދާނީ ވަޒީފާއެއް ނުލިބި ބަނޑަށް ޖެހެމުންނެވެ.
ހަގީގަތްތައް މިހެންހުރުމާއެކު ގައުމުގެ އިގްތިސާދު ފުނޑުފުނޑު ކުރުމަށް ގޮވާލާ ގޮވާލުމަކީ އާންމު ރައްޔިތުންނާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ބައަކު ހިންގާ އަމަލުތަކެއް ކަން ކަށަވަރެވެ.
އެމްޑީޕީގެ ސްޕޯކްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީ އިން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ "އަނިޔާވެރިކަމާ ގުޅޭ ފޮޓޯ އާއި ވީޑިއޯ" ޔޫރަޕުގެ ގައުމުތަކަށް އެ ޕާޓީ އިން ހިއްސާކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ އަށް ޓޫރިސްޓުން ނާންނަ ނަމަ އެއީ އެޕާޓީން ކުރާ ކަމެއް ކަމަށެވެ.
"ތަހުޒީބް ގައުމުތަކުން މީހުން އައުމުގައި ޗައިނާއާ ހިލާފަށް ވަރަށް ބަލާ ކަމެއް އެއީ މި ދެވެނީ ކޮންކަހަލަ ގައުމަކަށްތޯ. މިސާލަކަށް ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ހިގަންޏާ އެކަހަލަ ތަންތަނަށް ޓޫރިސްޓުން ނުދިއުމަށް އެމީހުން އަމިއްލައަށް ނިންމާ، އަޅުގަނޑުމެން ކުރާކަމެއް މުޅި ދުނިޔެއަށް ފަތުރާދިނުން." އިމްތިޔާޒް ވިދާޅުވި އެވެ.
ނަމަވެސް ސުވާލަކީ ރާއްޖޭގައި ހިންގަނީ އެ ވިދާޅުވާ ފަދަ އަނިޔާވެރި ވެރިކަމެއްތޯ އެވެ. ބާރަށް ބެރުޖަހައި އަނިޔާވެރިކަމޭ ބުނުމުން އަނިޔާވެރިވީތޯ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަކާއި ނުލައި ހައްޔަރުކޮށް "އަނިޔާވެރިކަން ދެއްކި އެވެ. މިހާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެފަދައިން ދުވާލަކު ދެދަޅައަށް ހައްޔަރުކުރަމުންދިޔަ އެވެ. މިއަށް ކިޔަނީ އަނިޔާވެރިކަން ނޫނީ ހުދުމުހުތާރުކަންތޯ އެވެ؟
މިއަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށްވުމާ އެކު އެ އިންތިހާބަށް ކެމްޕެއިން ކުރަމުން ސިޔާސީ ލީޑަރުން ދަނީ ގިނަ ވައުދުތަކެއް ވަމުންނެވެ. އެ ވައުދުތަކުގެ ތެރޭގައި ކޮންމެ ބޭފުޅަކު ވެސް ރާއްޖޭގެ އިގްތިސާދް ހަމަޔަކަށް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން އަމަލު ކުރައްވާފައިވާ ގޮތް ސާފުކޮށް ފެންނަން މިއޮތީ އެވެ. ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ އެބޭފުޅުންގެ މި ނުބައި ފަޅި ރައްޔިތުން ދަސްކުރަން ވެއްޖެ ކަމެވެ. އެއް އަނގައިން ޓޫރިސްޓުނަށް ހާއްސަ ގެސްޓު ހައުސްތަކުގެ ވިޔަފާރި ކުރިއަރުވަން ބުނާއިރު އަނެއް އަނގައިން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާގޮވުމާ މެދު ވިސްނާލަން އެބަ ޖެހެ އެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ބޮއިކޮޓް ކެމްޕެއިންތަކުގެ ފޯރި މިހާރު އަނެއްކާ ވެސް އިތުރުކޮށްފައިވާއިރު އޭގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރާނީ ރާއްޖޭގެ އާންމު ރައްޔިތުނަށް ކަމަށެވެ. ބޮއިކޮޓް ކެމްޕެއިންތަކަކީ ސިޔާސީ އެއްވެސް ޒިންމާދާރު ކަމެއް ތިބި ބަޔަކު ކުރާ ކަމެއް ނޫން ކަމަށާއި ސަބަބަކީ އެކަމުގެ ސަބަބުން ރައްޔިތުން ނިކަމެތި ވެގެންދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ވަގުތީ މަގުސަދަކަށް ޓަކައި ގައުމާ މެދު ނުވިސްނައި، ހިންގާ ހަރަކާތްތަކާ މެދު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ވެއްޖެ އެވެ. އެގޮތުން އެއީ ތިމާގެ ޕާޓީން ކުރާ ކަމެއް ނަމަވެސް ގައުމަށް ފައިދާ ނުކުރާ ކަމެއް ނަމަ އަދި ހާއްސަކޮށް އޭގެ ސަބަބުން ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ގެއްލުން ލިބޭ ނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހެ އެވެ. އަދި އެފަރާތްކަށް ނޫންނެކޭ ބުނާން ޖެހެ އެވެ. އެ ބުނާ ދޮންކެޔޮވަކާއި ކިރުތަށި ވެސް ލިބޭނީ މިގައުމުގައި ރަނގަޅު އިގްތިސާދެއް އޮވެގެން ކަން ދަންނަން އެބަ ޖެހެ އެވެ. ހަމަގައިމު ވެސް އަމިއްލަ ސިޔާސީ ކުރިމަގަށްޓަކައި ގައުމުގެ ކުރިމަގު ގުރުބާން ކުރުމަކީ ގައުމުދެކެ ލޯބިވާ އަދި ގައުމާ ދޭތެރޭ ވިސްނާ އެއްވެސް ފަރާތަކުން ކުރާނެ ކަމެއް ނޫނެވެ.