31 Mar 2013, 08:20
ފުލުހުންގެ މުވައްސަސާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކުން ރައްޔިތަކަށް އަނިޔާއެއް ކޮށްގެންނުވާނެ ކަމަށާއި ފުލުހުންގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ ފުލުހުންގެ ހިދުމަތް ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ދާހިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހަމްދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުވައްސަސާއަށް އެހީތެރިވެދެމުންދާ ފަރާތްތަކަށާއި ފުލުހުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކި އެކި ފުލުހުންގެ އަގު ވަޒަން ކުރުމަށް މިރޭ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ވަޒީރު ޑރ. ޖަމީލް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ އެ ހިދުމަތެއްދޭ ތަނެއް އެއްވެސް މީހަކު ބަލައިނުގަންނާނެ ކަމަށާއި އަދި އަނިޔާކުރި މީހަކު ކޮންމެވެސް ވަގުތެއްގައި ޖަވާބުދާރީ ވާން ޖެހޭނެކަން ހަނދާންކުރަން ޖެހޭ ކަމުގަ އެވެ.
"އަނިޔާއެއް ކޮށްގެން އަނިޔާއެއް އެއްވެސް މީހަކަށް ލިބިއްޖެނަމަ އަޅުގަނޑުމެންގެ ހިދުމަތް ބަލައެއް ނުގަންނާނެ. އަދި އެކަމަކީ ކޮންމެވެސް ވަގުތަކުން އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭނެ ކަމެއް. ކޮންމެ މީހަކު އަނިޔާއެއް ކުރިކަމުގައި ވީނަމަވެސް. ހާއްސަކޮށް އަޅުގަނަޑުމެނަކީ މުސްލިމުން ކަމުގައިވެފައި، އިންސަނީ ހައްގުތަކަކީ އަޅުގަނޑުމެން އިހްތިރާމް ކުރަންޖެހޭ ހައްގުތަކެއްކަން އިސްލާމީ ޝަރީއަތުގައިވަނީ ވަރަށް ސާފަކޮށް ކަނޑައަޅާފަ" ޖަމީލް ވިދާޅުވި އެވެ.
އެ މޭރުމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެއްވެސް ސިފައެއްގައި އަނިޔާކުރުމަކީ ފުލުހުންނަށް، އިސްލާމް ދީންވެސް ހުއްދަ ކުރާކަމެއް ނޫން ކަމަށް ވިދާޅުވެ ނަފްސާނީ ގޮތުން ދެވޭ އަނިޔާއަކީ ވެސް އަނިޔާއެއް ކަމުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ބިރުދެއްކުމަކީ ވެސް އިސްލާމް ދީން ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި އެއްވެސް މީހަކަށް ބިރުދައްކައި އޭނާއަށް ނަފްސާނީ ގޮތުން އަނިޔާ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި ވަނީ ވިދާޅުވެފަ އެވެ.
" [ ރަސޫލާގެ ހަދީސްފުޅެއްގެ މާނައިގައި ވަނީ] އެއްވެސް މީހަކު އަނެއް މުސްލިމަކަށް ބިރު ނުދައްކާށޭ. ޝައްކެއް ނެތެވެ. ބިރު ދެއްކުމަކީ އެންބޮޑުވެގެންވާ އަނިޔާތަކުގެ ތެރެއިން އަނިޔާއެކެވެ. މިއީ އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންގެ މަސައްކަތާ ވަރަށް ގުޅުންހުރި އިސްލާމީ އިރުޝާދެއް،" އަނިޔާއާ ދެކޮޅަށް ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ އިރުޝާދުތަކަށް އިޝަރާތްކުރައްވާ ވަޒީރު ވިދާޅުވި އެވެ. ހަމަ އެހެންމެ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބޭ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް ވަޒީރު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފަ އެވެ.
މީގެ އިތުރުން ދާހިލީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޔުނީފޯމާއި މަގާމުގެ ބޭނުންކޮށްގެން އަމިއްލަ ފައިދާ ހޯދުމަށް ބައެއް ފުލުހުން މަސައްކަތްކުރާ ކަމުގެ ޝަކުވާ މަދުން ނަމަވެސް ލިބެމުންދާ ކަމަށާއި އެކަމަކީ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމަށް ނޫން ކަމުގައި ވިދާޅުވި އެވެ.
"އެއްވެސް ފުލަހަކު އެމީހެއްގެ ޔުނީފޯމާއި މަގާމު ބޭނުންކޮށްގެން ތިމާއަށް މަންފާއެއް ނުވަތަ ފައިދާއެއް ހޯދުމުގެ މަސައްކަތް ކުރުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ތެރޭގައި ކޮންމެ ފުލުހަކުވެސް އެބަޖެހޭ އެންމެ ފުރަތަމަ ތިމާއަކީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ މީހަކަށްވާން. އަޅުގަނޑުދެކޭ ގޮތުގައި މި ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދައްކަން އެބަޖެހޭ. މަދުން ނަމަވެސް އެ ޝަކުވާ އަޅުގަނޑުމެންނާއި ހިސާބަށް އަންނާތީވެ، " އަމިއްލަ މަސްލަހަތަށް ފުލުހުންގެ ޔުނީފޯމް ބޭނުން ނުކުރުމަށް ފުލުހުނަށް އިލްތިމާސް ކުރައްވަމުން ވަޒީރު ވިދާޅުވި އެވެ.
ފުލުހުނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި ފުލުހުންގެ މުވައްސަސާގައި ތިއްބެވި އެކި ގޮތް ގޮތުން ފާހަގަކުރެވޭ ފާރާތްތަކަށް ވަނީ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ރޭގެ ޖަލްސާގައި އަރުވާފަ އެވެ.
އަނިޔާ ކުރުމާއި ދެކޮޅަށް ދާހިލީ ވަޒީރު ޑރ. ޖަމީލް ވާހަކަފުޅު ދައްކަވާފައިވާއިރު 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ފުލުހުންގެ ފަރާތުން ލާއިންސާނީ އަނިޔާތަކެއް އާންމު ރައްޔިތުނަށް ލިބިފައިވާ ކަމަށް ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ އާންމުންނަށް އަނިޔާކުރި ފުލުހުންގެ މައްސަލަތަކެއްގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ.