ސިފައިންގެ މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލޮނުޒިޔާރަތްމަގު އިމްޕީރިއަލް ކައިރިން ވަޅިހަރައި ޒަޚަމްކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ ސިފައިންގެ މީހެއްގެ ގަޔަށް ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ވަޅިން ހަމަލާދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދުގެ ބޮޑީގާޑް އިބްރާހިމް އަރީފަށް ކަމަށެވެ. އަދި ހަމަލާދީފައި ވަނީ އަރީފްގެ އޮފް ގަޑީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10:26 ހާއިރު ކަމަށާއި ފުލުހުންގެ އެހީތެރިކަމާއެކު އޭނާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުފާދޭން ފަށާފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހަމަލާދީ އޭނާގެ ބޮލާއި ބުރަކަށްޓާއި އަތް ޒަޚަމް ވެފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސިފައިންގެ މީހާއަށް ހަމަލާދީފައި ވަނީ ސިފައިންގެ މީހަކަށް ވާތީ ކަމެއް ނުވަތަ ޒާތީ ކަމެއްގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.