ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެމްޑީޕީން މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔާމީން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ޔާމީނާ ވާދަކުރެއްވުމުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ވެގެން ދިއުމަށް މަގު ފަހި ވާނެ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާތީ އުމަރު ނަސީރަށް ވެސް އެ ޕާޓީން ހިތްވަރު ދޭކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ގައުމެއްގައި ބޭއްވޭ އިންތިހާބުތަކުގެ އިންސާފުވެރިކަމާއި މިނިވަންކަމާއި ހަމަހަމަކަން ވެގެންގޮސްފައި ހުންނަނީ އެގައުމެއްގެ ފާގަތިކަމާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ބަދަހި ކަމާއި އަދި ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓޭކަމުގެ ހެޔޮ ރަމްޒުތަކަކަށް ކަމަށެވެ. އަދި އިންތިޚާބުތަކުގައި ވޯޓުދެވިގެން ނަތީޖާ ގަބޫލުކުރެވުމަކީ ކާމިޔާބު ސިޔާސީ ނިޒާމެއްގެ އެންމެ ވަރުގަދަ އަސާސް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް މެދުވެރި ކުރެވިފައި ހުރި ސިޔާސީ ތުހުމަތުތަކެއްގެ ގާނޫނީ ދުއްތުރާތަކާއި ހުރަސްތައް ދެމެހެއްޓެވުމާއި ދެކޮޅަށް މަސައްކަތް ކުރައްވައި، ސީދާ އިންތިޚާބުގައި ގުނޭ ވޯޓުގެ އަދަދުން ކާމިޔާބީ ހޯއްދެވުމަށް ޔާމީން އިސްކަންދެއްވާނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ ޕްރައިމަރީއާ ގުޅިގެން އެމްޑީޕީން މަރުހަބާ ކިޔައިފައިވާ އިރު، މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިފައި ވަނީ ރިޔާސީ ޕްރައިމަރީގައި އެއްވެސް ފަރާތަކާ ވާދަ ނުކޮށް އޮޓަމެޓިކުންނެވެ.