30 Mar 2013, 21:12
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި "ކޮންމެފަދަ ގުރުބާނީއެއް ވެސް ވުމަށް ތައްޔާރަށް" ހުންނެވި ކަމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
އިންތިހާބު ކާމިޔާބު ވެވަޑައިގެންނެވުމާ ގުޅިގެން ޕީޕީއެމްގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައި ނެރުއްވެވި ބަޔާނުގައި ޔާމިން ވިދާޅުވެފައި އޭނާއާއެކު ޕްރައިމަރީގައި ވާދަކުރެއްވެވި އުމަރުގެ ސަޕޯޓަރުން ހިތްވަރު ދެރަނުކުރެއްވުމަށާއި އުމަރުގެ ސަޕޯޓަރުން ވެސް ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް އާ ހިތްވަރަކާއެކު މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
"އަޅުގަނޑުގެ އަޙު އުމަރު ނަސީރަށާއި އެމަނިކުފާނަށް ތާއިދު ކުރެއްވި އެންމެހައި މެންބަރުން ހިތްވަރު ދެރަނުކުރައްވައި އަޅުގަނޑާއެކު، ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް، އަތުކުރި އޮޅާލާ އަލުން، އާހިތްވަރަކާއެކު މަސައްކަތްކޮށްދެއްވުމަށް އެދި އިލްތިމާސް ކުރަމެވެ،" ޔާމިން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ހަވާލުކޮށްދެއްވީ އަމާނާތެއް ކަމަށާއި އެ އަމާނާތަށް ރައްކާތެރިވުމަށް ސާބިތުކަމާއެކު ހުންނެވި ކަމަށެވެ. އަދި މިވަގުތަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން ޖޯޝާއި ހިތްވަރާއެކު މަސައްކަތް ކުރައްވަންވީ ވަގުތު ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން މިއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް 2013ގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް އެންމެން ގުޅިގެން ޖޯޝާއި ހިތްވަރާއެކު މަސައްކަތް އެންމެ ބާރަށް ކުރިއަށް ގެންދަންވީ ވަގުތެވެ. އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކު ޕީޕީއެމަށް 2013 ކާމިޔާބުކޮށްދިނުމުގައި ކޮންމެފަދަ ގުރުބާނީއެއް ވުމަށް ތައްޔާރަށްކަން މިފުރުސަތުގައި ފާހަގަކުރަމެވެ،"
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވުމުން އެންމެ އިސްކަމެއް ދީގެން މަސައްކަތްޕުޅު ކުރައްވާނީ
ޕީޕީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ އަދަދު ދެގުނައަށް އިތުރުކުރުމަށް ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
ޔާމިންގެ ބަޔާން ނިންމަވާލައްވާފައި ވަނީ ޕީޕީއެމްގެ ކުރިއެރުމަށްޓަކައި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅަށް "ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށް މަރުހަބާ ދަންނަވާ" ކަމަށެވެ.