30 Mar 2013, 20:50
ދިރާގް ދިވެހި ލީގުގައި މިއަދު ހަވީރު އީގަލްސް އާއި ވީބީ އައްޑޫ އެފްސީ ބައްދަލުކުރި މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އީގަލްސްއިންނެވެ. ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި އީގަލްސް އަށް އެލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ތަސްމީނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި ވީބީއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ހަނީފެވެ.
މިއަދުގެ މެޗުން ދެޓީމް އެވަރުވުމުން ކޮންމެ ޓީމަކަށް ވެސް އެއް ޕޮއިންޓު ލިބުނު އިރު، ލީގް ތާވަލްގައި އީގަލްސް އޮތީ މުބާރާތުގައި މިހާތަނަށް އެޓީމް ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ހަތަރު ވަނަ މަގާމް ގައެވެ. އަދި ވީބީ އޮތީ މުބާރާތުގައި ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނަ މަގާމް ގައެވެ.
ލީގުގެ އެއްވަނަ މަގާމްގައި 12 ޕޮއިންޓާއެކު ނިއު އޮތްއިރު، އެއަދަދަށް ޕޮއިންޓު ހޯދައިގެން ލީގުގެ ދަ ވަނަ މަގާމްގައި އޮތީ މާޒިޔާއެވެ. ލީގުގެ އެއްވަން ނިއަށް ލިބެނީ ގޯލްގެތަފާތުން ކުރިހޯދައިގެންނެވެ.
ދިރާގް ދިވެހި ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 ޖަހާއިރު އެވެ. އެދުވަހުގެ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ތިން ޕޮއިންޓާއެކު ލީގުގެ ހަވަނަ މަގާމްގައި އޮތް ބީޖީ ސްޕޯޓްސް ކުލަބާއި ވީބީ އައްޑޫ އެފްސީއެވެ.