ކޮމިޝަނަރު އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ އިންޓަ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތް "ސީޕީ ކަޕް 2013"ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސްޕަލިސްޓް އޮޕަރޭޝަންސް (އެސްއޯ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ތަށި މިލްކުކޮށްފި އެވެ.

މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ކަސްޓޯޑިއަލް އެފްސީ އާއި ވާދަކޮށް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯ) އިން މެޗު ކާމިޔާބުކޮށްފައި ވަނީ 5-1 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައި ވަނީ އެސްއޯ އިން ނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދީފައި ވަނީ ނިޝާދު އަލީ އެވެ. އެސްއޯ ޓީމުގެ ލީޑު ފުޅާކޮށްފައި ވަނީ މެޗުގެ 24 ވަނަ މިނިޓްގައި ޢަލީ ރިޝްވާން އަޙްމަދު ޖަހައިދިން ލަނޑުންނެވެ. އަދި މެޗު 32 ވަނަ މިނިޓްގައި އެސްއޯގެ ކެޕްޓަން މުސްތަފާ މުޙައްމަދު ވަނީ އިތުރު ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފަ އެވެ.

މިއަދު މެޗުގެ ދެ ވަނަ ހާފު ފެށުނުތާ މާގިނައިރުތަކެއް ނުވަނީ ކަސްޓޯޑިއަލްއިން ވަނީ ލަނޑެއް ޖަހައި ހިތްވަރު އައުކޮށްފަ އެވެ. އެ ލަނޑު މެޗުގެ 46 ވަނަ މިނިޓްގައި ޖަހައިދީފައި ވަނީ މުއާޒް ސާލިހް އެވެ. އަދި މިއަދުގެ މެޗުގައި އެސްއޯގެ ޓީމުން ޖެހި އެޓީމުގެ ހަތރު ވަނަ ލަނޑު ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން މުސްތަފާ މުހައްމަދެވެ. އަދި އެސްއޯގެ ފަސް ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދީފައި ވަނީ ނިޝާދު އަލީ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްއޯ އަށް ދެ ލަނޑު ޖަހައިދިން މުސްތަފާ މުހައްމަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް އެސްއޯގެ ކީޕަރު ވާލިދު އިދުރީސް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ކަސްޓޯޑިއަލް އެފްސީގެ ކެޕްޓަން ޢަބްދުﷲ ހަފީޒް އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އެސްއޯގެ ޙުސައިން ސިފާޒް ހޮވުނުއިރު އެންމެ މޮޅު ފޯވާޑަކީ ކަސްޓޯޑިިއަލް އެފްސީގެ އިބްރާހިމް މުޙައްމަދު އެވެ. އަދި ފެއަރޕްލޭ ކުޅުންތެރިޔާއަށް އެސްއޯގެ މުޙައްމަދު ހައިދަރު ހޮވުނުއިރު މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ އެސްއޯގެ ކެޕްޓަން މުސްތަފާ މުހައްމަދު އެވެ. އޭނާ ވަނީ މި މުބާރާތުގައި 14 ގޯލް ޖަހާފަ އެވެ. މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ފޮރެންސިކް ފްރެންޑްސްގެ މެނޭޖަރު އައިމިނަތު ސުޒީ ހޮވުނުއިރު މުބާރާތުގައި ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވިފައި ވަނީ އެސްއޯގެ ކޯޗު އަޙްމަދު ނާޒް މުޙައްމަދު ޖަމީލް އެވެ. މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ވެސް މުބާރާތުގެ ޗެމްޕިއަން އެސްއޯއެވެ.

މިމުބާރާތުގައި ވަނީ ޕޮލިސް ކްލަބު 11 ކުޅުންތެރިވެސް ހޮވާފަ އެވެ. އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ވާލިދު އިދުރީސް އާއި މުޙައްމަދު ހައިދަރުއާއި ޢަލީ ފަޙްމީ އާއި ޙުސައިން ސިފާޒް އާއި މުސްތަފާ މުޙައްމަދު އާއި ކަސްޓޯޑިއަލްގެ ޢަބްދުﷲ ހަފީޒްއާއި އީސާ ރަފީޢު އާއި އިބްރާހިމް މުޙައްމަދު އާއި އެސްއޯ ޖޫނިއަރސްގެ އަޙްމަދު ރަމީޒްގެ އިތުރުން ވިލިމާލެ ކޮމްބައިންގެ އަލީ މުނާޒް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލް ތައްޓާއި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްއެެވެ. އަދި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އެވެ. އަދި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުހާދު ފިކްރީ އެވެ.