30 Mar 2013, 19:42
މިއަދު ބޭއްވި އއ. ބޮޑުފޮޅުދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ހާމަ ކޮށްފައި ވާ ގޮތުގައި، މި އިންތިހާބުގައި ވާދަ ކޮށްފައި ވާ ޕީޕީއެމްގެ ކެންޑިޑޭޓު ޢަބްދުﷲ ރިފާޒު އަށް 191 ވޯޓު ލިބިފައި ވާ އިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު މުޙައްމަދު ނާޝިދަށް ލިބިފައި ވަނީ 190 ވޯޓެވެ. މި ނަތީޖާއަށް ބަލާ އިރު ޕީޕީއެމްއަށް ލިބިފައި ވަނީ ވޯޓުގެ 50.13 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ 49.87 ޕަސެންޓެވެ.
ސައްހަ ވޯޓުގެ ޖުމްލައަކީ 381 އެވެ. ބާތިލު ހަތަރު ވޯޓާ އެކު ޖުމްލަ ވޯޓުގެ އަދަދަކީ 385 އެވެ. މި ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވާ މީހުންގެ އަދަދަކީ 458 އެވެ.
ބޮޑުފޮޅުދޫ ކައުންސިލް ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބޮޑުފޮޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވައިފައި ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައިގެން ބޮޑުފޮޅަދޫ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވި އަހްމަދު ފިރާގް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލެ އަށް ދިރިއުޅުން ބަދަލުކުރައްވަން ޖެހިވަޑައިގަތުމުން ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
މިހާތަނަށް އެރަށު ކައުންސިލްގައި ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލަރުންނާއި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލަރުންނެވެ.