ފުލުހުނަށާއި ފުލުހުންގެ އާއިލާތަކަށް ދޫކުރުމަށް ހުޅުމާލެގައި އަޅަން ހަމަޖައްސާފައިވާ 300 ފްލެޓްގެ ބިންގާ މިއަދު އަޅައިފި އެވެ.

މިއަދު މެންދުރު ފަހު ހުޅުމާލެގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ފްލެޓްތަކުގެ ބިންގާ އަޅުއްވައި ދެއްވީ ދާހިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކޮމިޝަނަރު އޮފް އަބްދުﷲ ރިޔާޒާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

އެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވީ ނޫމަޑި ރެސިޑެންސް އެންޑް ރިސޯޓް އެންސްޓަލް އިން ތަރައްގީކުރާ އެ ފްލެޓްތަކަކީ 580 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އަދި އެ މަޝްރޫއު ދެ އަހަރު ދުވަސް ތެރޭގައި ނިންމާނެ ކަމަށާއި އެ ފްލެޓްތަކަކީ އެލިބޭ ފަރާތްތަކަށް މިލްކްކުރެވޭނެ ގޮތަށް ދޫކުރާ ފްލެޓްތަކެއް ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

"ފަސްސަތޭކަ އަށްޑިހަ މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މި ފެށެނީ. ﷲ އިރާދަފުޅާ އެކު ދެ އަހަރު ދުވަސް ތެރޭގައި މި 300 ފްލެޓް މިތަނުގައި ބިނާ ކުރެވޭނެ. ދިވެހި ފުލުހުންގެ ތެރެއިން ކޮންމެވެސް 300 ފުލުހަކަށް މި ނަސީބު ލިބިގެންދާނެ. އަދި ﷲ އިރާދަފުޅާ އެކު ފުލުހުނަށް ލިބޭ އެ ފްލެޓްތަކަކީ އެމީހުނަށް އަމިއްލައަށް މިލްކްކުރެވިގެންދާ އެއްޗަކަށް ދާނެ،" ރިޔާޒް ވިދާޅުވި އެވެ.

ކޮމިޝަނަރު ވަނީ މި މަޝްރޫއު ހިނގަމުންދާނީ ހުޅުމާލެ ކޯޕަރޭޝަން ޑޮވޮލްޕްމަންޓް (އެޗްޑީސީ) ގުޅިގެން ކަމުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ރަސްމިޔާތުގައި ދާހިލީ ވަޒީރާއި އެޗްޑީސީގެ އިސްބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.