ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިހާރު ކުރިއަށް ދަނީ ވަރަށް އަމާން ކަމާއެކު ކަމަށާއި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ވަގުތު ޖެހުމުގެ ކުރިން ވޯޓު ލުމުގެ ކަންތައް ނިންމައިދިނުމަށް ޕީޕީއެމުން އިލްތިމާސްކޮށްފި އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ހަމްދޫން ހަމީދު "ސަން" އަށް ވިދާޅުވީ މިއަދު ވޯޓުލާ ސަރަހައްދުތަކުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް މިހާރު އެ ސަރަހައްދުތައް އޮތީ ކޮންމެ މެމްބަރަކަށް ވެސް އަމާން ކަމާއި ރައްކާތެރިކަމާ އެކު ގޮސް ވޯޓު ލެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ހައްގުގައި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ވޯޓު ލުމަކީ އެ ޕާޓީ އަށް ލިބިގެންދާނެ ރީތި ނަމެއް ކަމަށެވެ.

"ވޯޓުލާ ސަރަހައްދުތައް އޮތީ ވަރަށް އަމާންކޮށް. އެއްވެސް ހަމަނުޖެހުމެއް ނެތް. އެހެންވީމާ ވަގުތު ޖެހުމުގެ ކުރިން ހުރިހާ މެމްބަރުން ވެސް އައިސް ވޯޓުލުމަކީ ރައީސް މައުމޫންގެ ވެސް ވަރަށް ބޮޑު އެދުމެއް. އަދި ޕާޓީ އަށް ވެސް ލިބިގެންދާނެ ވަރަށް ރީތި ނަމެއް،" ހަމްދޫން ވިދާޅުވި އެވެ.

މިއަދު ވޯޓުލުން ފެށުނު ގަޑީގައި މާލޭގައި ބަހައްޓާފައި ހުރި ބައެއް ވޯޓުފޮށިތަކުގެ ކައިރީގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނަގާފައިވީނަމަވެސް މިހާރު އެ ހުރިހާ ސަރަހައްދުތަކެއް ވެސް އޮތީ ވަރަށް އަމާން ކޮށެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު ވޯޓުލުން ފެށުނީ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ނިމޭ ގަޑި އަކީ ހަވީރު 4:00 އެވެ.