30 Mar 2013, 15:18
ސިންގަޕޫރުގެ އެޗްއެލްޕީ ހޮޓެލްސް އެންޑް ރިޒޯޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގެ މަޝްހޫރު ރިޒޯޓެއް ކަމަށްވާ ސޮނެވާގިލި ގަނެފި އެވެ.
ބްރޭކިން ޓްރެވެލް ނިއުސް ނަމަކަށް ކިޔާ އޮންލައިން ނޫހަކުން މިއަދު ބުނީ ސޮނެވާގިލި ގަނެފައިވާ ކަން އެޗްޕީއެލް އިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ލަންކަން ފުށީގައި ހިންގަމުން އަންނަ އެރިޒޯޓް ގަތް ނަމަވެސް އެރިޒޯޓްގެ ދެ ނަން ކަމަށްވާ "ގިލި ލަންކަން ފުށި"ގެ ނަމަށް ބަދަލު ކޮށްގެން ހިންގާ އިރު އަލުން އިމާރާތް ނުކުރުމަށް އެއްބަސްވެފައި ކަމަށާ ރިޒޯޓްގެ ހިންގުމަށް ހުއްޓުމެއް ނައިސް ކުރިއަށް ދާނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ ނޫހުގައިވެ އެވެ.
"އަހަރެމެން ގަސްދުކުރަނީ ރިޒޯޓްގެ ރޫހު އެގޮތުގައި ދަމަހައްޓަން، ކުރިން ރިޒަވޭޝަން ހަދާފައިވާ ގެސްޓުންނަށް އެމީހުން ހެއްދި ރިޒަވޭޝަންގެ ޝަރުތަތަކާ އެކު ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދެން،" އެޗްޕީއެލް ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޗެއާމަން ސްޓެފަން ލައު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އެޗްޕީއެލް އިން ސޮނެވާގިލި ގަތީ ކިހާވަރަކަށް ކަމެއް ހަބަރުގައި ބުނެފައެއް ނެތެވެ.