ދައުލަތުގެ ތިން ބާރުގެ ޒިންމާތަކާއި ބާރުތައް ތަންފީޒުކުރުމުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކޮމަންވެލްތުން އެކުލަވާލާފައިވާ "ލެޓިމާ ހައުސް ޕްރިންސިޕަލްސް" ރާއްޖެ އިން ބަލައިގަތުން މުހިއްމުކަމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަލޭޝް ޝަރްމާ ވިދާޅުވީ، ޅަފަތުގައި އޮތް ޑިމޮކްރެސީއެއްގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލަމުންދާއިރު، ޤާނޫނީ ރޮނގުންނާއި އަދި އަދުލް އިންސާފުގެ ނިޒާމްގެ ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖެ އަށް އިތުރަށް އެހީތެރިވެދޭން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވި ކޮމަންވެލްތުގެ ޓީމުގެ ހޯދުންތަކުގެ މައްޗަށް ބަލައި، މިހާރު ވެސް މަޝްވަރާކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.


ދައުލަތުގެ ތިން ބާރުކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، އަދުލް އިންސާފުގެ ބާރާއި އަދި ޤާނޫނު ހަދާ މަޖިލީހުގެ ޒިންމާތަކާ އަދި ތިން ބާރުން ވެސް ގުޅިގެން އާއްމުންނަށް ޚިދުމަތް ކުރުމުގައި އެ ތަންތަނަށް ލިބިގެންވާ ބާރުތަކުގެ "ލިމިޓް" ދެނެގަނެ، ތިން ބާރުގެ މެދުގައި "ބެލެންސެ" އް އުފެއްދުމުގައި ތަފާތު އުނދަގޫތަކެއް ކުރިމަތިވަމުންދާ މައްސަލަ ކަމަލޭޝް ފާހަގަކުރެއްވި އެވެ.


އެހެންކަމުން ދައުލަތުގެ ތިން ބާރުގެ އިންތައްވަކިކޮށް، ބެލެންސެއް އުފެއްދުމުގައި އަމަލުކުރަން ޖެހޭ އުސޫލްތަކުގެ މައްޗަށް ކޮމަންވެލްތުން އެކުލަވާލާފައިވާ ލެޓިމާ ހައުސް ޕްރިންސިޕަލްސް ރާއްޖެ އިން ބަލައިގަންނަން ޖެހޭ ކަމަށާއި އެކަމުގައި ކޮމަންވެލްތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.


ކޮމަންވެލްތުގެ އެހެނިހެން ގައުމުތަކުގައި ވެސް ތިން ބާރުގެ ފުށުއެރުންތަކުގެ މައްސަލަ އުޅޭ ކަމަށާއި އެގައުމުތަކުން ލިބިފައިވާ ތަޖުރިބާ އާއި މައުލޫމާތު ރާއްޖެއާ އެކު ހިއްސާކުރާނެ ކަމަށް ވެސް، ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުގެ ދައުރު ވީހާވެސް ސާފު އަދި ޓްރާންސްޕޭރެންޓް ކުރުމަށް ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ޝަރްމާ ވިދާޅުވި އެވެ.


މީގެ އިތުރަށް ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް މިވަގުތުން ވަގުތަށް ވެސް ކެޕޭސިޓީ އުފެއްދުމުގައި އެހީތެރިކަން ބޭނުންވާ ކަމަށާއި ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަނުން އެކަމުގައި އެއްބާރުލުން ދޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ.


އެހެންނަމަވެސް، ކުރިމަތިވަމުންދާ ސިޔާސީ އަދި ޤާނޫނީ މައްސަލަތައް ހައްލުކުރުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށާއި އެކަން ހާސިލްކުރެވޭނީ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ގައުމީ މަސްލަހަތު ކުރިއަށް ނެރެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެބަޖެހޭ ގައުމުގެ ތަރައްގީގައި އެމީހުން އަދާކުރަންޖެހޭ ރޯލު އަދާކުރަން. ޕާލިމެންޓާއި އެގްޒެކެޓިވް ބާރުން އެބަޖެހޭ ޤާނޫނީ ވެރިކަން ހިންގުމުގައި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން. އަދި މިނިވަން މުސްތަގިއްލު ޖުޑީޝަރީ އެބަޖެހޭ ޤާނޫނީ ވެރިކަމުގެ ގާޑިއަން އެއް ގޮތުގައި އޮންނަން." ޝަރްމާ ވިދާޅުވި އެވެ.