30 Mar 2013, 12:44
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާ ކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ވާތު ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު ފަރުވާ ހޯދުމަށް އޭނާ ސްރީލަންކާއަށް ހިގައްޖެ އެވެ.
ބަކާގެ ފަޔަށް އަނިޔާވީ ދިރާގު ދިވެހި ލީގުގައި މިދިޔަ ހަފުތާގައި އީގަލްސްއާ ދެކޮޅަށް ކުޅެ 2-0 ލަނޑުން މާޒިޔާ މޮޅުވި މެޗުގައެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މާޒިޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބަކާއަށް ލިބުނު އަނިޔާއާ ގުޅިގެން ދެ ތިން ހަފުތާ އަށް އޭނަ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ އޭއެފްސީ ކަޕްގައި އަންނަ އަންގާރަ ދުވަހު މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ވެސް ބަކާއަށް ބައިވެރި ނުވެވޭނެ ކަމަށެވެ. އެހެންކަމުން އެދުވަހުގެ މެޗުގައި ބަކާ ކަހަލަ މުހިންމު ކުޅުންތެރިއަކު ޓީމުގައި ނެތުމުން އޭގެ އަސަރު ޓީމަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭއެފްސީ ކަޕްގައި އަންނަ އަންގާރަ ދުވަހު މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާ ދެކޮޅަށް ކުޅޭމެޗުގައި ބަކާ ޓީމުގައި ނެތުމުން އޭނގެ އަސަރު ޓީމަށް ކުރާނެ. ބަކާއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އަޔެޔަވާދީ ޔުނައިޓެޑާ ދެކޮޅަށް ކުލޭމެޗަކީ ދެވަނަ ބުރުގެ އުންމީދު ދެމެހެއްޓުމަށް ވެސް ވަރަށް މުހިންމު މެޗެއް" އޮފިސަލް ބުންޏެވެ.
ދިވެހި ލީގުގައި ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު މާޒިޔާ އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ. އެހެންނަމަވެސް ނިއުއަށް ވެސް 12 ޕޮއިންޓު ލިބިފައި ވާއިރު އެޓީމް ލީގުގެ އެއްވަނަ މަގާމްގައި އޮތީ ގޯލްގެތަފާތުން ކުރި ހޯދައިގެންނެވެ.
ދިރާގް ދިވެހި ލީގުގައި މާޒިޔާ ދެން އެންމެ އަވަހަށްވެސް މެޗެއް ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު ވެލެންސިއާ ދެކޮޅަށެވެ