30 Mar 2013, 12:39
ނޭޕާލުގައި ކުރިއަށްދާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ޓްވެންޓީ-ޓްވެންޓީ ކްރިކެޓް ކަޕްގައި އިއްޔެ ހޮންކޮންއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ހޮންކޮން އަތުން ރާއްޖެ އިއްޔެ ބަލިވީ 153 ލަނޑުންނެވެ. މިއީ މިފަރުގެ މުބާރާޓުގައި ރާއްޖެ މިވީހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.
އިއްޔެގެ މެޗުގައި ފުރަތަމަ ޓޮސް ދިމާވުމުން ރާއްޖެއިން ގަސްދުކުރީ ހޮވުމަށެވެ. އެހެން ކަމުން ހޮންކޮން ޓީމުން ކުޅެން އަރާ 20 އޯވަރުގެ ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން ރާއްޖޭގެ މައްޗަށް 198 ލަނޑު ހެދި އެވެ. ނަމަވެސް ޖަވާބުގައި ރާއްޖޭގެ ޓީމުން ކުޅެން އަރާ 10 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ އެންމެ 45 ލަނޑެވެ.
ސާދަ ކުޅުންތެރިންގެ ސްކޮޑަކާ އެކު މުބާރާތުގައި ވާދަކުރުމަށް ދިޔަ، ރާއްޖޭގެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވިއިރު ރާއްޖެ ކުޅުނު ދެވަނަ މެޗުން ސިންގަޕޫރު އަތުން ވަނީ މޮޅުވެފަ އެވެ. އަދި ހަތަރު ވަނަ މެޗުގައި ރާއްޖެ މާދަމާ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ.
ރާއްޖޭގެ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ތިން އަހަރު ރާއްޖޭގައި ބޭއްވުނު އެކިއެކި މުބާރާތްތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ އަބްދުﷲ ޝާހިދެވެ.