30 Mar 2013, 12:03
ޕާޓީގެ ތެރެއިން ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުން އެބަދާ ކަމަށާއި، އެއީ އެތެރޭގެ އިންތިޚާބެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް މިއަދު ކުރިއަށްދާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރުއާ ވާދަ ކުރައްވާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
އަމީނިއްޔާ ސްކޫލްގެ ތެރޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް ވޯޓު ލެއްވުމަށް ފަހު ބޭރަށް ނުކުމެ ވަޑައިގެން ނޫސްވެރިންނަށް ވިދާޅުވީ ޖުމްލަ ގޮތެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ޕާޓީ ތެރެއިން ބަޔަކު ނުކުމެ ވޯޓުލާ ތަންތަނަށް ވަދެ މާރާމާރީ ހިންގަން މަސައްކަތް ކޮށް އަދި އެތަންތަނުގެ ތެރޭގައި އަޑުގަދަކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކަމުން ދިއުމީ ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ.
"ޖުމްލަ ގޮތެއްގައި ވޯޓު ލުމުގެ ކަންކަން ރަނގަޅު. އެކަމަކު ޕާޓީގެ ތެރެއިން ބަޔަކު ނުކުމެ ވޯޓުލާ ތަންތަނަށް ވަދެ މާރާމާރީ ހިންގަން އެބަ މަސައްކަތް ކުރޭ. އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މިއީ އެތެރޭގެ އިންތިޚާބެއްގައި ވެގެންވާނެ ގޮތެއް ނޫން. މިއީ ވަރަށް ދެރަކަމެއް،" ޔާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިޔަސް ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށާއި، އަދި ޕާޓީ އަށް އެއްވެސް ހީނަރު ކަމެއް ވެސް ނާންނާނެ ކަމަށެވެ.
ޕްރައިމަރީން ބަލިވެއްޖެ ނަމަ އުމަރުގެ ފަހަތަށް ވަޑައިގަންނަވާނަންތޯ ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ޔާމިން ވިދާޅުވީ ބަލިވެ ވަޑައިގަތަސް ޕާޓީ ދޫކުރައްވާ ވަޑައި ނުގަންނަވާނެ ކަމަށެވެ.