30 Mar 2013, 12:02
ތައިލެންޑްގެ ހޮޓެލް ޗެއިން، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ގިރާވަރު ރިސޯޓް ހަތަރު ތަރީގެ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވައިފި އެވެ.
އެ ކުންފުންޏާ ހަވާލާދީ އޭސިޔާ ޓްރެވަލް ޓިޕްސް އިން ބުނެފައި ވަނީ އެ ކުންފުނީގެ ދެ ވަނަ ރިސޯޓް "ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ"ގެ ނަމުގައި ގިރާވަރު އަލުން ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ސެންޓާރާ އިން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި "ސެންޓާރާ ގްރޭންޑް އައިލެންޑް"ގެ ނަމުގައި އދ. މައްޗަފުއްޓެވެ. އެ ރިސޯޓް ހުޅުވީ 2009 ވަނަ އަހަރު އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް، ހުޅުލެއިން ފުރައިގެން 15 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ގިރާވަރު ހަތަރު ތަރީގެ ފެންވަރަށް ތަރައްގީ ކުރުމަށް 54 މިލިއަން ޑޮލަރު (832 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ރިސޯޓްގައި 140 ސުއީޓް ތަރައްގީކޮށްފައިވެ އެވެ.
މއ. ސްނޯރޯސް އަބްދުއްރައޫފުގެ ގިރާވަރު "ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ" އިން ތަރައްގީ ކުރި އިރު، ރައޫފުގެ ޅ. އަތޮޅު ހުދުފުށި ވެސް ތަރައްގީ ކުރަނީ އެ ކުންފުނިންނެވެ. ހުދުފުށި ތަރައްގީ ކުރުމަށް އެ ކުންފުނިން 35 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް އެ ކުންފުނީން ވަނީ ބުނެފަ އެވެ.