ފުލުހުންގެ ހިދުމަތްތާއި ފުލުހުންގެ 80 އަހަރުވީ ތާރީހުގައި ގެންގުޅެފައިވާ ބައެއް ސާމާނުތައް ދައްކުވައިދޭ "ކޯނާއެއް" ދާރުލްއާސާރުގައި ހުޅުވައިފި އެވެ.

ފުލުހުންގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޯނާ މިއަދު ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒް އެވެ. އަދި ފުލުހުންގެ ތާރީހަށް އަލިއަޅުވާލައްވައި ފުލުހުންގެ "ހިދުމަތުގެ 80 އަހަރު"ގެ ފޮތެއް ވެސް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު ނެރެދެއްވި އެވެ.

ދާރުލްއާސާރުގައި ފުލުހުން ހުޅުވާފައިވާ އެ ކޯނާގައި ވޭތުވެ ދިޔަ 80 އަހަރު ތެރޭގައި ފުލުހުން ބޭނުންކޮށްފައިވާ ޔުނީފޯމާއި އެކިއެކި ކެމެރާ އާއި ވޯކީ ޓޯކީ ފަދަ ތަކެތި ބަހައްޓާފައި ހުރި އިރު ފުލުހުން ބޭނުންކޮށްފައިވާ ގަވައިދުތަކާއި ފުލުހުން މިހާތަނަށް ހިންގާފައިވާ ބައެއް ބޮޑެތި އޮޕަރޭޝަންތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެންނަ ގޮތަށް ބަހައްޓަފައި
ހުއްޓެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ "ހިދުމަތުގެ 80 އަހަރު"ގެ ފޮތުގައި ފުލުހުންގެ ހިދުމަތް ފެށިގެން އައިގޮތުން ފުލުހުންގެ ގިނަ ދުވަސްވީ ގައުމީ ހިދުމަތުގެ ގިނަ މައުލޫމާތްތަކެއް ހިމެނެ އެވެ. އަދި ފުލުހުންގެ ތާރީހުގައި އެ މުއައްސަސާގެ އިސްމަގާމްތައް ފުރުއްވި ބޭފުޅުންގެ މައުލޫމާތު ވެސް ހިމެނެ އެވެ.