30 Mar 2013, 10:48
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ތިން ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުޅުން އިއްޔެ ފަށައިފި އެވެ.
ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި އިއްޔެ ފެށި އެ މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ކުޅުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ ފިރިހެން ސިންގަލް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގެ އިތުރުން އޯޕަން ސިންގަލް އިވެންޓެވެ.
އިއްޔެ ފެށި އެ މުބާރާތުގެ ކުޅުން ފައްޓާފައި ވަނީ ޑަބަލްސް އިވެންޓުގެ މެޗުތަކުންނެވެ. އެ އިވެންޓުގެ ކުޅުން އިއްޔެ ހަވީރަށް ނިމްމާލާފައިވާ އިރު އަންހެން ޑަބަލްސް ފައިނަލްގައި ބައްދަލު ކުރާނެ ޕެއަތައް ވަނީ ކަށަވަރުވެފަ އެވެ.
އަންހެން ޑަބަލްސް ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ފާތިމަތު ރަޔާން އާއި ފާތިމަތު ނަހުފާ ބަލިކުރުމަށް ފަހު ފައިނަލުގެ އެއްކޮޅުން ޖާގަ ކަށަވަރުކުރީ އައިމިނަތު ވިޝާމާ އާއި މަރިޔަމް ނަދާ އިބްރާހިމް އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އައިމިނަތު ނިފާޝާ އާއި ރިފްޤާ މުހައްމަދު ބަލިކުރުމަށް ފަހު ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައި ވަނީ އަފީފުއްނިސާ އާއި ފާތިމަތު މޫސާ އެވެ.
ޖުލްމަ 168 ބައިވެރިންނާ އެކު ކުރިއަށްދާ އެ މުބާރާތުގެ ކުޅުން ކޮންމެ ދުވަހެއްގެ ހަވީރާއި ރޭނގަޑުގެ ވަގުތުތަކުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.