އދ. މަޖިލިސް (މާޗް 30): މިޔަންމާގެ ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން އެގައުމުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކުގައި އެގައުމުގެ ދައުލަތް ވެސް ބައިވެރިވާ ކަމަށް އދ. ން ތުހުމަތުކޮށްފި އެވެ.

މިޔަންމާގައި ހިންގަމުންގެންދާ އިންސާނިއްޔަތާޚިލާފު އަނިޔާވެރި ޢަމަލުތައް ބަލައި ތަޙްގީގު ކުރުމަށް އދ. އިން އަކަށައަޅާފައިވާ މުޤައްރިރު ތޯމަސް އޮޖިޔޯ ވިދާޅުވީ މިޔަންމާގެ މިކްތީލާ ސަރަޙައްދުގައި ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން މުސްލިމުންނާ ދެކޮޅަށް ދާދިފަހުން ހިންގި މުސްލިމުން މެރުމާއި އެމީހުންގެ ގެދޮރާއި މިސްކިތްތަކާއި ދީނީ މަދްރަސާތަކުގައި ހުޅުޖެހުމާއި މުސްލިމުން ވަޒަނުން ބޭރުކޮށްލުން ފަދަ ނަސްލުނައްތާލުމުގެ ޢަމަލުތަކުގައި މިޔަންމާގެ ދައުލަތް ވެސް ބައިވެރިވެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމުގަ އެވެ. މިގޮތުން ބުޑިސްޓުން މުސްލިމުންނަށް ގަސްދުގައި މިފަދަ ބޮޑެތި ލާއިންސާނީ ބޮޑެތި އަނިޔާތައް ދެމުން ގެންދިޔަ އިރު މިޔަންމާގެ ދައުލަތުގެ މުއައްސަސާތަކާއި ސަލާމަތީ ބާރުތައް އަޅާނުލައި މަންޒަރުބަލަން ތިބިކަން ވަނީ ފާހަގަކުރެވި އެވެ. މިއީ މިޔަންމާގެ މުސްލިމުންގެ ނަސްލުނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގައި އެގައުމުގެ ދައުލަތް ބައިވެރިވާ ކަމަށް ރަސްމީ ސިފައެއްގައި އދ. ން ތުހުމަތުކުރި ފުރަތަމަ ފަހަރެވެ.

މިޔަންމާގެ ބައިމަދު މުސްލިމުން ތަހައްމަލްކުރަންޖެހިފައިވާ މިއަނިޔާތަކަށް ރިޢާޔަތްކޮށް މުސްލިމުންގެ ޙިމާޔަތުގައި ސަލާމަތީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި އެގައުމުގެ މުސްލިމުންގެ ޖަމްޢިއްޔާތަކުން ރައީސް ތެއިން ސިން އަށް ދާދިފަހުން ވަނީ ސިޓީ އެއްވެސް ފޮނުވާފަ އެވެ. މިސިޓީގައި، މިޔަންމާގެ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތައްކަމަށްވާ މުސްލިމުން މެރުމާއި އެމީހުންގެ ގެދޮރާއި މިސްކިތްތަކާއި ދީނީ މަދްރަސާތަކުގައި ހުޅުޖެހުމާއި މުސްލިމުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުން ހިމެނޭ ކަމަށާއި މިޖަރީމާތައް ހުއްޓުވުމުގައި މިޔަންމާގެ ސަލާމަތީ ބާރުތައް ވަރަށް ބޮޑަށް އިހްމާލްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ފާއިތުވި ދެތިން ހަފްތާތެރޭގައި މިޔަންމާގެ ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން އެގައުމުގެ މިކްތީލާ ސަރަހައްދުގެ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގައި މުސްލިމުންގެ 40 މީހަކު މަރުވެފައިވާ ކަން އެގައުމުގެ ސަރުކާރުން ނެރެފައިވާ ރަސްމީ ރިޕޯޓްތައް ވެސް ކަށަވަރުކޮށްދީފައިވެ އެވެ. އަދި މިދިޔަ އަހަރު މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ބައިގިނަ ބުޑިސްޓުން ރެކިން ސްޓޭޓްގައި ހިންގި އަނިޔާވެރި ޢަމަލުތަކުގައި މުސްލިމުންގެ 140 މީހަކު މަރުވެ ލައްކައަކަށް ވުރެ ގިނަ މުސްލިމުންގެ ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)