ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ވަޒީރުންގެ މަޖިލީހަށް ރުހުން ދީފައި ވަނީ ޖުމްލަކޮށް ކަމަށާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.


އެމްޑީޕީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަޖިލީހުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޤާނޫނު އަސާސީ އެކުލަވާލަމުން ދިޔައިރު ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ޖުމްލަކޮށް ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޔައުމިއްޔާ ތަކުން އެނގެން އޮތްކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް އަނެއްކާ ވެސް ހަމައިން ނެއްޓި ވަކި ޕާޓީއެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެ ޕާޓީއަށް ފާހަގަ ކުރެވިފައިވާކަމަށް ވެސް އެ ނޫސްބަޔާން ބުނެ އެވެ.


އެ ނޫސްބަޔާނުގައި އެމްޑީޕީން ބުނެފައި ވަނީ ޤާނޫނު އަސާސީގެ ހަތަރު ވަނަ ބާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން 115 ވަނަ މާއްދާގެ (ޅ)  ގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުން މީހުން އައްޔަނު ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ޒިންމާ އަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅައި، ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތް ކަމުގައި ބުނެ ސަރުކާރަށް ދަތިކުރުމަށް އިދިކޮޅު ފަރާތްތަކުން ތަފާތު މަސައްކަތްތަކެއް ކުރަމުން ދާކަމަށް އެމްޑީޕީން ވަނީ ބުނެފައި އެވެ. އަދި އެ މަސައްތަކަކީ ޢައިރު ޒިންމާދާރު މަސައްކަތްތަކެއް ކަމަށް ބުނެ އެކަން ކުށްވެރި ކޮށްފައިވެ އެވެ.  


އިއްޔެ ސަރުކާރުން ވަނީ ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގައިދުގައި ބަޔާންކުރާ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައި އެވެ.


ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް ބުނެ ރައީސް ނަޝީދުގެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވީ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. ކުދި ބަދަލުތަކަކާ އެކު ރައީސް ނަޝީދުގެ އައު ކެބިނެޓު އެކުލަވާލީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެތައް ދުވަހެއްގެ މަތީން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގައި އެޖެންޑާ ކުރި ކަމުގައި ވިއަސް މިއަދާ ހަމައަށް ވެސް ރައްޔިތުން މަޖިލީހުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވެފައި އެވެ.


އާ ގާނޫނު އަސާސީ 2008 ވަނަ އަހަރު ވުޖޫދަށް އައިފަހުން ދެ ފަހަރަކު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވެ އެވެ. ފުރަތަމަ ފަހަރު ރުހުން ދިނީ ގަނޑުކޮށެވެ. ނަމަވެސް އޭގެ ފަހުން ބަންޑާރަނައިބު ކަމަށް ހުސްނުއްސޫދު އައްޔަން ކުރެއްވުގަޔާއި ހޯމް މިނިސްޓަރު ކަމަށް މުހައްމަދު ޝިހާބު އައްޔަން ކުރެއްވުމުގައި ވޯޓު ނަގާފައި ވަނީ ވަކިވަކިންނެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ ވަކިވަކިން ކަމަށެވެ.