ޕިޔޮންގްޔަންގް (މާޗް 30): އުތުރުކޮރެޔާއިން އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާއާ ދެކޮޅަށް ހަނގުރާމައިގެ ޙާލަތު އިޢްލާންކޮށްފި އެވެ.

އުތުރުކޮރެޔާގެ ސަރުކާރުން މިއަދު ހެނދުނު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ "މިހާރުން ފެށިގެން ކޮރެޔާގެ އުތުރާއި ދެކުނުގެ ގުޅުންތައް ވަނީ ހަނގުރާމައިގެ ޙާލަތުގައި" ކަމުގަ އެވެ. ނަވާރަސަތޭކަ ފަންސާސް އިން 1053 އަށް ހިނގި ކޮރެޔާ ހަނގުރާމައަށް ފަހު އެދެގައުމުން ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާތީ ޓެކްނިކަލް ގޮތުން މިހާތަނަށް ވެސް އެދެގައުމުއޮތީ ހަނގުރާމައިގެ ޙާލަތުގަ އެވެ. ކޮރެޔާގެ އުތުރާއި (އުތުރު ކޮރެޔާ) ދެކުނާ (ދެކުނު ކޮރެޔާ) ދެމެދު ކުރެވުނު ހަނގުރާމަ ހުއްޓުމަކަށް އައިސްފައި ވަނީ ޙަމަލާތައް ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ކޮރެޔާ ހަނގުރާމައަކީ އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން (ރޫސީވިލާތް) ފަހަތުގައި ތިބެގެން ކުރި ހަނގުރާމައެކެވެ.

އުތުރުކޮރެޔާ އިން އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރި ނަމަވެސް ބަހުގެ ޙަމަލާތައް ދިނުންފިޔަވައި ހަނގުރާމައިގެ އެއްވެސް ޢަމަލެއް އުތުރުކޮރެޔާ ހިންގާފައެއްނުވެ އެވެ. ނަމަވެސް އުތުރުކޮރެޔާ ހަނގުރާމަ އިޢްލާންކުރުމުން އެމެރިކާ އިން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރްޖަމާނާ ކެތްލިން ހައިޑެން ވިދާޅުވީ އުތުރުކޮރެޔާގެ މިނިންމުމާއި އެގައުމުގެ ބިރުދެއްކުންތައް ވަރަށް ސީރިޔަސް ގޮތެއްގައި ވަރަށް ގާތުން ބަލަމުންގެންދާ ކަމުގަ އެވެ. އެމެރިކާއަކީ ދެކުނު ކޮރެޔާ ދިފާޢުކޮށްދިނުމުގައި ޖާމިނުވުން ދީފައިވާ ގައުމެކެވެ.
ދެކޮރެޔާގެ ޙާލަތު މިހާގޯސްވެގެން ދިޔައީ ދެކުނު ކޮރެޔާގައި އެމެރިކާ ހިންގަމުން ގެންދާ ޢަސްކަރީ ޙަރަކާތްތަކާއި އުތުރުކޮރެޔާ އިން ހަތިޔާރު އުފައްދާކަމަށް ބުނެ އެމެރިކާ އިސްވެ އޮވެގެން އުތުރުކޮރެޔާ އާ ދެކޮޅަށް ތަކުރާރުކޮށް އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. މިދިޔަ ހަފްތާގައި ވަނީ އުތުރުކޮރެޔާ ވަނީދެކުނު ކޮރެޔާއާއި ހަވާއި އާއި ގުއާމްގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތަކަށް ހަމަލާ ދޭންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދީފަ އެވެ. މިއާއެކު އެމެރިކާއިން ވަނީ ނިއުކްލިޔާ ބޮންއަޅާ ބީ 2 މަރުކާގެ ޢަސްކަރީ މަތިންދާބޯޓުދެކުނު ކޮރެޔާއަށް ފޮނުވައި ބޮންއެޅުމާ ބެހޭ ތަމްރީންތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.

އަދި އުތުރުކޮރެޔާ އިން ވަނީ އެގައުމުގެ މިސައިލް ނިޒާމުތައް ތައްޔާރީ ޙާލަތަކަށް ގެނަސް ދެކޮރެޔާގެ ދެމެދުގައިވާ ޢަސްކަރީ ސީދާ ލައިންވެސް ކަނޑާލާފަ އެވެ. ރަޝިޔާއިން ވަނީ ކޮރެޔަން ޕެނިންސިއުލާގައި އެމެރިކާ ހިންގާ ޢަސްކަރީ ޙަރަކާތްތަކަށް ނުސީދާގޮތެއްގައި ފާޑުކިޔާފަ އެވެ. އުތުރުކޮރެޔާ ވަނީ އެމެރިކާގެ ބިރުދެއްކުންތަކާއި ޖެއްސުމުގެ ޢަމަލުތަކަށް ރައްދުދިނުމުގެ ގޮތުން އެމެރިކާއަށް ކުއްލި ނިއުކްލިޔާ ޙަމަލާއެއް ދޭންޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. (ނޫސްއެޖެންސީތައް)