30 Mar 2013, 09:42
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށްޓަކައި އެ ޕާޓީގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓު މިއަދު ހެނދުނުން ފެށިގެން މާލެ އާއި އަތޮޅުތަކުގައި ނަގަން ފަށައިފި އެވެ.
ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ ޕްރައިމަރީގައި ވޯޓުލުމަށްޓަކައި 140 ރަށުގައި ބެހެއްޓި 167 ވޯޓު ފޮށްޓަށް މިއަދު ހެނދުނު 8:00 ވޯޓުލާން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވޯޓު ފޮށިތަކުގައި ވޯޓުލުން ކުރިއަށްދާ އިރު ކޮންމެވެސް ވަރަކަށް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ މާބޮޑު ކަމެއް ނޫން ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 31،298 މެންބަރުން ތިބި އިރު މާލޭގައި ވޯޓުލުމަށްޓަކައި ހަތް ފޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހެންވޭރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަލާފާނު ސްކޫލުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިވާ ގަލޮޅުގައި ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް އިމާދުއްދީން ސްކޫލްގައި ފޮށްޓެއް ބަހައްޓާފައިވާ އިރު މައްޗަންގޮޅި ރަޖިސްޓްރީގައި ހިމެނޭ މީހުނަށް އަމީނިއްޔާ ސްކޫލްގައި ވޯޓި ފޮށްޓެއް ބަހައްޓާފައިވެ އެވެ. މާފަންނު ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް ހިރިޔާ ސްކޫލްގައި ވޯޓުލުމުގެ އިމްތިޒާމް ހަމަޖައްސާފައިވާ އިރު ހުޅުޅުމާލޭ މީހުންނަށް ލާލޭ އިންޓަނޭޝަނަލް ސްކޫލްގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވާ އިރު، ވިލިމާލޭ މީހުންނަށް މުހްޔިއްދީން ސްކޫލްގައި ބަހައްޓާފައިވެ އެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އިމާދުއްދީން ސްކޫލްގައި ވެސް ވޯޓޫ ފޮށްޓެއް ބަހައްޓާފައިވެ އެވެ.
ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރައްވަނީ އެ ޕާޓީގެ ޕާލެމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާއި ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރެވެ.