މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ އިން މާލެއާއި ހުޅުމާލެ އަދި ވިލިނގިލީގެ ގޭބިސީތަކަށް ފޯރުކޮށްދޭ ބޯފެނަށް ދިވެހިން ޒަމާނުއް ސުރެ ކިޔައި އުޅެނީ ވޯޓަ ސަޕްލައި ފެން ނުވަތަ "ސަޕްލައި" ފެނެވެ. އެ ފެނަކީ މީގެ އަހަރުތަކެއް ކުރިން ގޭބިސީތަކުގައި ހިތްހަމަޖެހުމާ އެކު ބޯން ބޭނުން ކުރި ފެނެވެ.

ނަމަވެސް މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިހާރު އެއީ ހަމަ އެކަނި ފެންވެރުމަށާއި ދޮވުމާއި ބައެއް ގޭގޭގައި ކެއްކުމަށް ބޭނުންކުރާ ފެނަކަށް ވެ ނިމިއްޖެ އެވެ.

"މިހާރު އެފެން އެއްގޮތަކަށް ވެސް ނުބޮން، މުޅިން ވެސް ބޮނީ ފުޅީގައި ބަންދުކުރި ފެން، އެ ފެނަށް އިތުބާރެއް ނުކުރެވޭ، ކިހިނެތް އިނގެނީ މިހާރު ވެސް ލީކް ނުވާކަމެއް،" ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އަހުމަދު ބުންޏެވެ.

އޭނާ ބުނީ ސަޕްލައި ފެންހޮޅިއެއްގެ ތެރެއަށް ނަޖިސް ހޮޅިއެއް ލީކްވީ ހާދިސާގެ ފަހުން އެފެނަށް އިތުބާރު ނުކުރެވޭ ކަމަށާއި އެހެން ނޫނަސް އެފެން ދިން އިރު އޭނާގެ ދެކުދިން އަބަދު ވެސް ބަލިވާ ކަމަށެވެ.

"ފެނުގެ ކޮލިޓީ ބެލޭނެ ރަނގަޅު ނިޒާމެއް ނެތް، ކުރިން ކުދިން ބަލިވާތީ އަބަދު އުޅެން ޖެހެނީ. ޑޮކްޓަރަށް ދެއްކީމާ ބުނަނީ ކޮންމެވެސް އިންފެކްޝަނެކޭ،" އޭނާ ބުންޏެވެ.

ފާތުމަތު ޝިމްލާ ބުނީ އޭނާ މަދުމަދުން ސަޕްލައިފެން ބޯ ކަމަށެވެ. ނަމަވެސް އެއީ ބޯން ވަރަށް އުނދަގޫ، ބޯހިތް ނުވާ ފެނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް ކަމު ނުދޭ، އެ ފެން، އެންމެ ބޮޑު މައްސަލައަކީ ރަހަ،" އޭނާ ބުންޏެވެ.

ބުނީ އެފެނުގެ ސާފުތާހިރު ކަމާ މެދު ސުވާލު ނޫފެދޭ ކަމަށެވެ.

ކުޑަ އާއިލާއެއް ގޮވައިގެން މާލޭގައި ދިރިއުޅޭ ފާއިޒް އަހުމަދު ބުނީ އޭނާގެ އާއިލާއިން ސަޕްލައިފެން ބޯ ކަމަށެވެ. ނަމަވެސް އެއީ އިގުތިސާދީ ހާލަތު ހުރި ގޮތުން އެހެން ގޮތެއް ނެތިގެން ކަމަށާއި ފުޅީގައި ބަންދުކުރި ފެނަށް ހަރަދު ކުރެވޭ ވަރު ވާނަމަ ނުބޯނެ ކަމަށެވެ.

"އަސްލު އިތުބާރެއް ނުކުރަން، އެކަމަކު އިގުތިސާދު ކުރަން ޖެހޭތީ އަގަށް ބަލާފައި ބޮވެނީ، އެ ފެން ބުއިމާ ބަނޑުގައި ރިއްސާ އެކި އެކި މައްސަލަތައް ދިމާވާކަން އަމިއްލައަށް ތަޖުރިބާ ކުރެވޭތީ އެއީ ރަނގަޅު ފެނެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ދަރިންނަށް ގިނަ ފަހަރު ފުޅީގައި ބަންދުކުރި ފެން ދޭ ކަމަށް ބުނި އާދަމް ޒާހިރު ބުނީ އެއީ ކުދިން ޑޮކްޓަރުންނަށް ދެއްކުމުން ދޭ އިރުޝާދާ ގުޅިގެން ކުރާ ކަމެއް ކަމަށެވެ.

"ކުދިން ބަލިވެގެން ދެއްކީމަ ތަފާތު ފެނުގެ ވާހަކަ ދައްކަމުން ގޮސް މި ބުނަނީ ކައްކައިގެން ދިނުމޭ އެންމެ ރަނގަޅީ، ދެން ފަސޭހަ ކުރަން ގިނަ ފަހަރު މިދެވެނީ ފުޅީ ފެން،" އޭނާ ބުންޏެވެ.

ނަމަވެސް ފެން ކުންފުނިން ބުނަނީ އެ ކުންފުނިން އުފައްދާ ފެނަކީ ސިއްހީ ގޮތުން ރައްކާތެރި ފެނެއް ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ. އަދި އެކުންފުނީގެ ކޮލިޓީ ކޮންޓްރޯލް ކުރުމުގެ ނިޒާމަކީ މިސަރަހައްދުގެ ގައުމެއްގައިވާ އެފަދަ އެންމެ ފުރިހަމަ އެއް ނިޒާމު ކަމަށެވެ.

"ވޯޓަ ސެކިއުރިޓީ (ފެނުގެ ރައްކާތެރިކަމުގެ)ގެ ބައިގެ ހުރިހާ އިންފްރާ ސްޓްރަކްޗާ މަސައްކަތެއް މިވަނީ އަލިފުން ޔާއަށް ނިމިފައި. ކޮލިޓީ އެޒުއަރެންސްގެ ލެބޯޓްރީ ވެސް މިސަރަހައްދުގެ އެންމެ ރަނގަޅު ފެންވަރަށް ގާއިމް ކުރެވިއްޖެ،" ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުހައްމަދު ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ ފެންކުންފުނީގެ މުވައްޒަފުން އޮފީހުގައި ހޭދަކުރާ ވަގުތުތަކުގައި ވެސް ބޮނީ ހަމަ އިސްކުރު ފެން ކަމަށާއި އެ ފެން އެއީ ސިއްހީ ގޮތުން ހަމަ ރަނގަޅު ރައްކާތެރި ފެެނެއް ކަމަށެވެ.

އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ( އީޕީއޭ) އިން ވެސް ބުނީ އެމްޑަބްލިއު އެސްސީގެ ފެނާ މެދު ޔަގީންކަންދޭ ކަމަށެވެ.

"އަޅުގަނޑު ވެސް ހަމަ ޔަގީންކަން ދެން، މާލެގައި ސަޕްލައި ކުރާ ފެނަނީ ހަމަ ބޯން ރައްކާތެރި ސާފު ފެން. އަޅުގަނޑުމެން އެކަމަކާ ޝައްކެއް ނުކުރަން، އެފެނަކީ ހަމަ ގަވައިދުން ޓެސްޓް ކުރެވެމުންދާ ފެން،" އީޕީއޭގެ ޑިރެކްޓަރ މުހައްމަދު މުސްތޮފާ ވިދާޅުވި އެެވެ.

އެމްޑަބްލިއު އެސްސީން ދޫކުރާ ފެން ރަނގަޅު ނަމަވެސް، ގިނަ ބަޔަކު ފުޅީގައި ބަންދުކުރި ފެނާ ދިމާއަށް ދަނީީ ކީއްވެތޯ ސުވާލު އުފެއްދުމުން ދީދީ ވިދާޅުވީ "ފުޅީގައި ބަންދުކުރާ ފެން، މީރު ވެފައި ބޯލަން ފަސޭހަވާނެ" ކަމަށެވެ. އަދި ވިދާޅުވީ ފުޅީގައި ބަންދުކުރި ފެނާ ދިމާއަށް މީހުން އެނބުރެމުން ދިއުން އެއީ ވިސްނުމުގެ މައްސަލައެއް ކަަމަށެވެ. ކެފޭ ރެސްޓޯރެންޓްތަކަކީ ވެސް އެކަމަށް ބާރު އަޅާ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ކެފޭ ރެސްޓޯރެންޓްތަކަށް ވަދެ ހަމަ އިށީންނަ އިރަށް ގެންނާނެ ފެންފުޅި، އެމީހުން ކަސްޓަމަރުންނަށް ފުރުސަތެއް ވެސް ނުދޭނެ ޗޫޒް ކުރާކަށް،" ދީދީ ވިދާޅުވި އެވެ.

މުސްތޮފާ ވެސް ވިދާޅުވަނީ ހަމަ އެހެންނެވެ. އޭނާ ވިދާޅުވީ ފުޅި ރީތި ވީމާ މޮޅުކަމަށް ގަބޫލު ކުރެވެނީ ކަމަށެވެ.

"އަޅުގަނޑުމެން މި ވިސްނާ ވިސްނުމަކީ، ވަކި ރާއްޖޭގައި އެކަންޏެއް ނޫން. ޕެކެޓެއް ހުރިއްޔާ ޕެކެޓް ވެސް ނަގާނެ، ފުޅީގެ ބަދަލުގައި، ރީތިކޮށް ހުރިއްޔާ، އަޅުގަނޑުމެން މި ޖޫގޯ ބޯ ތަނަކަށް ދިޔައިމަ، އިސްކުރުން ފެން އަޅާފައި ޖޫގޯ ހަދާލީމާ ހަމަ ބޯލާނެ. ފުޅިން ނޭޅީ ކީއްވެތޯ ސުވާލެއް ނުވެސް ކުރައްވާނެ. މިއުޅެނީ ފެނުގެ މައްސަލައެއް އުޅޭތީއެއް ނޫން، މީ ވިސްނުމުގެ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފުޅީގައި ބަންދު ކުރި ފެނުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ ވެސް އިއުތިރާފް ވެވަޑައިގަނެ އެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި ބޮޓްލްޑް ވޯޓާ (ފުޅީގައި ބަންދުކުރި ފެން)ގެ ރަހަ މީރު ވާނެ. އޭގަ ހުންނަ މިނެރަލްސް މަދުވާނެ، އެއަކު ނުހުންނާނެ ޓުއަރިން އެއް، އެކަމަކު އެއީ ޕަބްލިކް ވޯޓަ ސިސްޓަމެއްގައި ހިމަނަން ގާނޫނީ ގޮތުން ލާޒިމް ކުރާ އެއްޗެއް، އެހެން ވީމާ ރަހައިގެ ގޮތުން ފުޅީގައި ބަންދު ކުރި ފެން ހަމަ ރަނގަޅުވާނެ،" ދީދީ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އިސްކުރުން ލިބޭ ފެން އެފެންވަރަށް ސާފުކުރާ ނަމަ އެކަމަށް ހިނގާ ހަރަދު ހޯދޭނީ އެ އަގު ނަގައިގެން ކަމަށެވެ.

"ދެން ސުވާލަކީ އަޅުގަނޑުމެން ސަޕްލައިޑް ވޯޓާ ރިފައިން ކުރަންވީ ހޭ ބޮޓްލްޑް[ފުޅީގައި ބަންދުކުރި ފެން] ވޯޓާއާ އެއް ވަރަކަށް. ހުރިހާ އެންމެން ބޮޓުލްޑް ވޯޓާ ބޭނުންކުރުން ހުއްޓާލާ ވަރަށް، އެހެން ހަދައިފިއްޔާ ސަޕްލައިޑް ވޯޓާގެ އަގު ހަމަ ބޮޓްލްޑް ވޯޓާ އާ އެއްވަރަށް އަރާނެ." ދީދީ ވިދާޅުވި އެވެ.

އެމްޑަބްލިއު އެސްސީއާއި އީޕީއޭގެ ވާހަކަތަކުން ދޭހަވަނީ އިސްކުރުން މިލިބޭ ފެނަކީ ހަމަ ރައްކާތެރި ފެން ނޫން ކަމަށް ހީކުރެވޭ ހީކުރެވުމަކީ ވަސްވާހެއް ކަމަށެވެ. އެއީ ބިލާހެއް ކަމަށެވެ.