30 Mar 2013, 02:42
ޕީޕީއެމަށް އެހެން މީހަކު ވެރިވެގެން ރައީސް މައުމޫނަށް ނިކަމެތި ކަމެއް ލިބެން ބޭނުންފުޅު ނުވާ ކަމަށާއި، އެހެން ކަމުން މައުމޫންގެ ތަރިކަ ދަމަހައްޓަން ބޭނުންނަމަ ހުރިހާ މެމްބަރުން ވެސް ޔާމީނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
ކާނިވާ ސަރަހައްދުގެ ސްޓޭޖްގައި ޔާމިންގެ "ޔަގީން" ޓީމުން މިރޭ ބޭއްވި އެންމެ ފަހުގެ ވަދާއީ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރައީސް މައުމޫނަށް ވަރަށް ނިކަމެތި ގޮތްތަކެއް ދިމާވި ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިއަދު ނިކުމެ ވަޑައިގެން އެ ހުންނެވީ މައުމޫން ދިފާއު ކުރައްވަން ކަމަށެވެ. އޭނާ ވިދާޅުވީ ޑީއާރުޕީގައި ހުންނެވި އިރު އެ ޕާޓީން ރައީސް މައުމޫން ފެޔަށް ޖައްސަމުން ގޮސް ހަތަރު ފާރުން ބޭރަށް ލީ ކަމަށެވެ.
"ޑީއާރުޕީގައި ރައީސް މައުމޫން ފެޔަށް ޖައްސަމުން ޖައްސަމުން ގޮސް ހަތަރު ފާރުން ބޭރަށްލީ. އަޅުގަނޑުމެން ބޭނުމެއް ނޫން މި ޕާޓީގައި ރައީސް މައުމޫން ދުނިޔޭގައި ހުންނެވިހާ ދުވަހަކު އެމަނިކުފާނަކަށް އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކަށް އެއްވެސް ނިކަމެތި ކަމެއް. އަޅުގަނޑަކީ އެމަނިކުފާނުގެ އެއްބަފާ މީހެއް. އަޅުގަނޑުގެ ހިތުގައި ކުލުނު އޮތް މިންވަރު އަޅުގަނޑަށް އެނގޭނީ. އަޅުގަނޑު ބޭނުމެއް ނޫން މި ޕާޓީ އަށް އެހެންމީހަކު ވެރިވެ ގަނެގެން ރައީސް މައުމޫން އަށް އެއްވެސް ނިކަމެތި ކަމެއް ލިބޭކަށް،" ޔާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ބޭފުޅުން އޭނާ އާ ހަސަދަވެރި ވެފައި އޮތީ އޭރު ރައީސް މައުމޫންގެ ރިޔާސީ މަގާމް ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްޕުޅުގައި މައުމޫންގެ ވާދަވެރިންނާއި މައުމޫން އާ ދޭތެރޭގައި އޮތް ހުރަހަކީ ޔާމިން ކަމަށް ވުމުން ކަމަށެވެ. އަދި މިހާރު ވެސް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ރައީސް މައުމޫން ދިފާއު ކުރައްވައި، ޕީޕީއެމް އަށް ކާމިޔާބީ ހޯދައި ދިނުން ކަމަށްވެސް ވިދާޅުވި އެވެ.