ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން 300 ފްލެޓް ހުޅުމާލެގައި ގާއިމުކުރުމަށް ހަމަ ޖެހިފައިވާ ކަމަށާއި އެ ފްލްޓްތައް އެޅުމުގެ މަސައްކަތް ދެ ދުވަސްތެރޭގައި ފެށޭނެ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުވައްސަސާއަށް 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އަބްދުﷲ ރިޔާޒް ވިދާޅުވީ ފުލުހުނަށް ހާއްސަކޮށްގެން އަޅާ 300 ފްލެޓަކީ ފުލުހުނަށް ހާއްސަކޮށްގެން މިދިޔަ އަހަރު އެޅުއްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ 50 ފްލެޓްގައި އިތުރުން އަޅަން ހަމަ ޖެހިފައިވާ ފްލެޓްތަކެއް ކަމަށެވެ.

" އެމަނިކުފާނުގެ [ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން] އިސްނެންގެވުމުގެ މަތީން ފުލުހުނާއި ފުލުހުންގެ އާއިލާތަކަށް ހުޅުމާލެއިން 50 ފްލެޓް ހޯއްދަވައިދެއްވާ ދެއްވި ކަމަށްޓަކައި މި ފުރުސަތުގައި ވެސް ހުރިހާ ފުލުހުނާއި ފުލުހުންގެ އާއިލާތަކުގެ ނަމުގައި މަނިކުފާނަށް ޝުކުރު އަދާ ކުރަން. އަދި ހަމަ އެއާ އެކު ކުރިއަށް އޮތް ދެވަހެއްގެ ތެރޭގައި އިތުރު 300 ފްލެޓް އެޅުމުގެ މަސައްކަތް ފެށިގެންދާ ކަމުގެ އުފާވެރި ހަބަރު ހުރިހާ ފުލުހުނަށް އަރުވަން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ފުލުހުންގެ ވެލްފެއާ ކަންކަން ހަރުދާނާކޮށް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ވެލްފެއާކަންކަން ހަމަ ޖެއްސުމަށް އޮންނަ ކޮމެޓީ އަލުން އެކުލަވާލައި، ފުލުހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ކަމަށެވެ.

އެގޮތުން ބޭސްފަރުވާއަށްދާ ފުލުހުންގެ އާއިލާތަކަށް ހެޔޮ އަގުގައި ގޮސް ތިބެވޭނެ އިންތިޒާމް އަންނަ މަހުގެ ތެރޭގައި ހަމަ ޖައްސަދޭނެ ކަމަށް ކޮމިޝަނަރު ރިޔާޒް މިރޭ ވަނީ ވިދާޅުވެފަ އެވެ.

"މީގެ އިތުރުން ފުލުހުނާއި ފުލުހުންގެ އާއިލާތަކުން ބޭސްފަރުވާއަށް ސްރީލަންކާއަށްގޮސް ކުޑަ ހަރަދެއްކޮށްގެން ތިބެވޭނެ ނިޒާމް މިފެށޭ އޭޕްރިލް މަހު ތެރޭގައި ހަމަ ޖެހިގެންދާނެ ކަމުގެ އުފާވެރި ހަބަރު ފުލުހުނަށާއި ފުލުހުންގެ އާއިލާތަކަށް އަރިސްކުރަން."

މީގެ އިތުރުންވެސް ފުލުހުނަށް އެކަށޭނެ މާހައުލެއް ގާއިމު ކޮށްދިނުމަށްޓަކައި އެކި މަޝްރޫއުތައް ފެށުމަށް ހަމަ ޖެހިފައިވާކަމުގައި ފާހަގަ ކުރައްވަމުން ރިޔާޒް ވިދާޅުވީ ރާއްޖެ ތެރޭގައާ އެއްކޮށް ހަތް އިމާރާތެއް މި އަހަރު އިމާރާތް ކުރުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

މިރޭ ޖަލްސާގައި ރިޔާޒް ވަނީ ފުލުހުންގެ ހިދުމަތް އޮތީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، އިހްލާސްތެރިކަމާ އެކު އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމަށް ނެތި މަސައްކަތް ކުރުމަށް ފުލުހުނަށް އިލްތިމާސް ކުރައްވާފަ އެވެ.