30 Mar 2013, 02:12
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ދެ ބޭފުޅުންގެ ތެރެއިން އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފިޔަވައި ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމްއަށް ވަކީން އިޚްލާސްތެރި އެހެން ބޭފުޅެއް ނުހުންނާނެ ކަމަށް މައުމޫންގެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕްރައިމަރީގެ ކެމްޕޭންގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކާނިވާ ސަރައްހައްދުގެ ސްޓޭޖްގައި ޔާމިންގެ ޓީމުން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ޔާމިންއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނުގެ ތެދުވެރި ކަމާއި، އިލްމީ ގާބިލްކަން ދައްކަވާފައި ހުންނެވި ބޭފުޅެއް ކަމަށާއި، ޔާމިންއަކީ ވަރަށް ގާބިލް އަދި ދޫ ފަސޭހަ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ބޭފުޅުން ވެސް ޔާމިންގެ ފަހަތްޕުޅުގައި ތިއްބެވީ އެފަދަ އެތައް ސަބަބު ތަކަކަށްޓަކައި ކަމަށެވެ.
"ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް އަބްދުﷲ ޔާމިންއަށް ވުރެ ވަކީން ވަކި އެހެން މީހަކު އެއަށް ވުރެ އިޚްލާސްތެރި އެއް ނުވާނެ. އެހެންވީމަ އަޅުގަނޑުމެން ވެސް ޔާމިން އާއިއެކު މި ތިބީ. ޕީޕީއެމް އަކީ އަބަދުވެސް އެންމެންނާ މަޝްވަރާ ކުރަން ތައްޔާރަށް އޮންނަ ޕާޓީއެއް. އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއަށް ނެރުމަށްޓަކައި އަމިއްލަ މަސްލަހަތު ގުރުބާން ކުރާނެ ޕާޓީއެއް. އަޅުގަޑުމެންނަކީ އަޅުގަނޑުމެންނާ ދިމާޔަށް ގާ އުކިޔަސް ސަލާމް ކުރަން އަތް ދިއްކުރާނެ ޕާޓީ އެއް. އެހެންވީމަ ޔާމިން މުސްތަގުބަލްގައި ވެސް އަޅުގަނޑުމެންގެ ސިޔާސީ ހަތުރުންނާއި ބައްދަލު ކުރައްވާނެތީ ޒުވާނުންނާއި މުޅި ޕީޕީއެމްގެ އެންމެންނާ އަޅުގަނޑުމެންނާ ޔާމިން އާ އެކު މިތިބީ،" ޣައްސާން ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ނެރޭ މީހަކީ އެކަން ކުރެވޭ ވަރުގެ އަދި އެކަން ކުރަން ކެރޭ ވަރުގެ މީހަކަށް ވާންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޕްރައިމަރީގައި ވޯޓު ދެއްވާ ހުރިހާ މެމްބަރުން ވެސް ޔާމިންއަށް ވޯޓު ދެއްވުމަކީ އެ ބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިރޭގެ ޕެނަލްގައި މަައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް ޔާމިން އަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. އެ ކަމަނާ ވިދާޅުވީ ރައީސް މައުމޫންގެ ސިޔާސަތުތަކާއި ފިކުރުފުޅު ގައުމުގައި ދަމަހައްޓަން ބޭނުންނަމަ ޕާޓީގެ ހުރިހާ މެމްބަރުން ވެސް ޔާމިން އަށް ވޯޓު ދެއްވުމަކީ އެކަމަނާގެ ވަރަށް ބޮޑު އެދުންފުޅެއް ކަމަށެވެ. އަދި ޔާމިން އަކީ ގައުމަށް ދިމާވެފައި މިވާ ގޮންޖެހުން ތަކުން ގައުމު ސަލާމަތް ކޮށްދެވޭނެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށާއި، އެ ކަމަނާގެ އާއިލާއިން ވެސް ޔާމިންއަށް ތާއީދު ކުރަން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ.
"އަޅުގަޑުމެން ވިސްނަން ޖެހޭނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެންމެ އެކަށީގެން ވާނީ ކޮން ބޭފުޅެއްތޯ. ރާއްޖެ ކުރިއަށް ގެންދިއުމުގައި ދިމާވެފައި މިވާ ގޮންޖެހުންތަށް ހައްލުކޮށް އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް އުފާ ފާގަތި މުސްތަގުބަލެއް ހޯދައި ދިނުމަށް އެންމެ ގާބިލް ބޭފުޅަކަށް އަޅުގަނޑުމެން ވޯޓު ދޭންވާނީ. އެ ގޮތުން މި ކަންކަމަށް ބަލައިފައި އަޅުގަނޑު ހަމަ ގައިމުވެސް ގޮތެއް ނިންމާފައި މިވަނީ. އަދި އަޅުގަނޑާއި އެކު އަޅުގަނޑުގެ އާއިލާގައި ތިބި އަޅުގަނޑުގެ ކޮއްކޮމެން ވެސް މި ގޮތަށް ނިންމާފައި އޮތީ،" ދުންޔާ ވިދާޅުވި އެވެ.
މިރޭގެ ޕެނަލްގައި ރައީސް މައުމޫންގެ ދެ ދަރިކަލުން ޔާމިންއަަށް ސީދާ ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައި ވީ ނަމަވެސް މަައުމޫން ވިދާޅުވެފައި ވަނީ ޕްރައިމަރީގައި އެމަނިކުފާނު ވަކި ބޭފުޅަކަަށް ފާޅުގައި ތާއީދު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކާއި އެކު މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ނުކުމެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.