30 Mar 2013, 01:06
ދިވެހި ފުލުހުންގެ އަގު ވައްޓާލުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާ ކަމަށާއި އެ މަސައްކަތާ މެދު ފުލުހުން ހޭލުންތެރިވާން ޖެހޭކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުވައްސަސާގެ 80 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. ވަހީދު ވިދާޅުވީ ފުލުހުންގެ އަގު ވައްޓާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެކަމާ މެދު ހިތާމަފުޅު ކުރައްވާ ކަމަށެވެ.
"ހިތާމައަކީ ފުލުހުންގެ މުވައްސަސާގެ ފުލުހުންގެ އަގު ވައްޓާލައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރައި، ފުލުހުންނަކީ ގައުމަށް ހިޔާނާތްތެރި ބައެއް ކަމަށް ދައްކާން އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާކަން. އެއީ ވަރަށް ހިތާމަވެރި ކަމެއް. ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ފުލުހުންގެ ހިދުމަތްތަކަށް ހުރަސް އަޅައި، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފުލުހުން ބަދުނާމުކޮށް ފުލުހުންގެ މުވައްސަސާގެ ތަސައްވަރު ގޯސްކުރުމަށް އެކުރާ މަސައްކަތާ މެދު އަޅުގަނޑުމެން ހޭލުންތެރިވާން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް ހުރަސް އެޅުމަށް ތައުލީމީ ޒުވާނުންނާއި އަދި ގަދަރުވެރި ބޭފުޅުން ވެސް މަސައްކަތް ކުރަމުންދާ ކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
"ގާބިލް ބައެއް ޒުވާނުން ވެސް ހިމެނޭ ގޮތަށް އަދި ގާބިލް ބައެއް ބޭފުޅުން ވެސް ފުލުހުނަށް ފުރައްސާރަ ކުރަމުން ދޭ. އަޅުގަނޑު ހިތާމަ ކުރަނީ ރިވެތި ނަމޫނާ ދައްކާން ވީ ފަރާތްތަކުން އެފަދަ ނޭދެވޭ މަންޒަރުތައް ދައްކަމުންދާތީ،" ރައީސް ވިދާޅުވި އެވެ.
އެެހެން ނަމަވެސް ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ފުލުހުނަށް އެކަށީގެންވާ ތައުލީމާއި ތަމްރީން ދިނުމަށް އިސްކަމެއް ދެއްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މުވައްސަސާއަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ފުލުހުން ތައްޔާރުވުންދާކަމަށާއި އިންސާފްވެރި އިންތިހާބެއް ބޭއްވޭނީ ފުލުހުންގެ މުވައްސަސާއަށް ފުރިހަމަށް އިހްތިރާމް ކޮށްގެން ކަމުގައެވެ.
"މި ގައުމުގައި އިންސާފްވެރި އިންތިހާބެއް ބޭއްވޭނީ ފުލުހުންގެ މުވައްސަސާއަށް އިހްތިރާމް ކޮށްގެން. ފުލުހުންގެ ވާޖިބް ފުލުހުންނަށް އަދާކުރެވިގެން. ހަމަ އެހެންމެ މި ގައުމުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީ ވެސް ފުލުހުނަށް ދޭން ޖެހޭ ގަދަރާއި އިހްތިރާމް ދެވިގެން،"
ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގާނޫނޫ އަސާސީ ދެމެހެއްޓުމަށް ކަމަށާއި، ފުލުހުންގެ މައްޗަށް ގާނޫނާއި ހިލާފު އެއްވެސް އަމުރެއް ނުކުރައްވާނެ ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެެވެ. އަދި ފުލުހުންގެ މުވައްސަސާ ހިނގަމުންދަނީ ސަރުކާރުގެ ނުފޫޒެއް ނެތި ކަމުގައި ވިދާޅުވި އެވެ.
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވަނީ ފުލުހުންގެ މުވައްސަސާތައް ހިދުމަތްކޮށްދެއްވާފައިވާ އެކި ފަރާތްތަކަށް ހަނދާނީ ފިލާ އާއި ރައީސުލް ޖުމްހޫރިއްޔާގެ މެޑެލް އަރުވާފަ އެވެ.
އެގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މެޑެލް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް އަރުވާފައިވާއިރު ފުލުހުންގެ ޝަރަފްވެރި ހަނދާނީ ފިލާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފޮލިސް ކޮމިޝަނަރު މަގާމުގައި ހުންނެވި ރިޓަޔާޑް ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރަށް ވަނީ އަރުވާފަ އެވެ.
ފުލުހުންގެ މުވައްސަސާ ހިދުމަތްކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށް އެފަރާތްތަކުގެ ވާހަކަ ދައްކަވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ މުވައްސަސާ ހިންގެވި އިސް ފަރާތްތައްތަކުގެ ހިދުމަތް ފާހަގަ ކޮށްފައެއް ނުވެއެވެ.