18 Oct 2010, 04:59
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައި އެ ބޯޑުގެ ޗެއާޕާސަން ކަމަށް ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލު ހަމަޖައްސަވައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ގާނޫނުގައި ބުނާ ކަންކަން ތަންފީޒު ކުރުމަށާއި ލަފާ ދިނުމަށް އެކުލަވައިލި "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު"ގައި ގާނޫނުގެ 36 ވަނަ މާއްދާގައި ބުނާ ދާއިރާތަކުން 12 ބޭފުޅަކު އައްޔަންކުރައްވާފައިވެ އެވެ. ބޯޑު އެކުލަވާލައްވާފައި ވަނީ ހެލްތު މިނިސްޓަރު ބޯޑުގެ ރިޔާސަތު ބަލަހައްޓަވާ ގޮތަށެވެ.
ސަރުކާރުން ބޯޑަށް އައްޔަން ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލާއި ސެންޓަފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް ހަސަން މުހައްމަދާއި އެޓާނީ ޖެނެރަލް އޮފީހުގެ ޑިޕިއުޓީ ސްޓޭޓް އެޓާނީ އަހުމަދު އުޝާމާއި ފިނޭންސް މިނިސްޓްރީގެ ނައިބު މުހައްމަދު އާމިރާއި ހޯމް މިނިސްޓަރުގެ ނައިބު މުހައްމަދު މާހިރު އީސާ އާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް މުހައްމަދު ހަމީދާއި ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރު އަހުމަދު ތޮލާލާއި އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ނަރީމާން އާރިފެވެ. އެ ބޭފުޅުންގެ ތެރެއިން ހަސަން މުހައްމަދު އައްޔަން ކުރައްވާފައި ވަނީ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ތަޖުރިބާކާރެއްގެ ގޮތުގަ އެވެ. އެ ނޫން ބޭފުޅުން ކަމާ ބެހޭ އޮފީހެއްގެ މަންދޫބުންގެ ގޮތުގަ އެވެ.
އެ ބޯޑަށް އެހެން ދާއިރާތަކުން ހޮވާފައި ވަނީ ދުންފަތުގެ ތަޖުރިބާ ކާރެއް ކަމަށްވާ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމާދު އަފްއާލާއި ސިއްހަތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޝީނާ މޫސާ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު އަބްދުލް ޣަފޫރާއި ސޮސައިޓީ ފޯ ސޯޝަލް ސާވިސަސްގެ މުހައްމަދު އާސިމެވެ.