16 Mar 2010, 16:21
19:00
ރައްޔިތުންގެ މަޖިލީހުގެ ވަށައިގެންވާ ސަރަހައްދަށް އެއްވެ އުޅުމަކީ ހުއްދަ ކަމެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުދެކޭ ކަމަށާއި، އެހެން ނަމަވެސް މިނިވަން ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގަކަށް ވާތީ މަޖިލިސްކުރާ ގޭ ދޮށުގައި އެ ކަންކަމަށް ފުރުސަތު ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިހާބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން އިހުނަށް ވުރެ ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ލިބިދޭ ހައްގަކަށްވާތީ މެމްބަރުންގެ މަސައްކަތްޕުޅަށް އުނދަގޫނުވާނެ ގޮތުގެ މަތިން އެ ކަހަލަ ކަންތައްތަކަށް ފުރުސަތު ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.