18 Oct 2010, 03:54
ނިކަ މޯލްޑިވްސް ރިސޯޓް ހޯދަން، އެ ރިސޯޓު ހިންގާ ރަށް އއ. ކުޑަފުޅަދޫ ލިޔެގެން އުޅުނު މޫސާ ގާސިމްގެ ވާރިސުން އެދުނު ނަމަވެސް އެރި ސޯޓު އޭނާގެ ވާރިސުންނާ ހަވާލު ކުރުވާނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް މަދަނީ ކޯޓުން ހުކުމް ކޮށްފި އެވެ.
މޫސާ ގާސިމްގެ ވާރިސުންގެ ފަރާތުން ގ. ފަނަސް އަބްދުﷲ ރަޝީދު ކުރި ދައުވާގައި ބުނަނީ އޭނާގެ ބައްޕަ މޫސާ ގާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އއ. ކުޑަފުޅަދޫގައި ބިނާކޮށްފައިވާ ޓޫރިސްޓް ރިސޯޓް ކުށްޔަށް ދިނުމާ ބެހޭ ގޮތުން ޖެނުއަރީ7، 1987 ގައި އެގްރިމެންޓެއް ކޮށްފައިވާ ކަމަށެވެ. އެ އެގްރިމެންޓްގެ މުއްދަތު ޖުލައި 20، 1999ގައި ހަމަވެފައިވާ ކަމަށާއި މުއްދަތު ހަމަވުމުން މަރުހޫމް މޫސާ ގާސިމުގެ ވާރިސުންނާ ރިސޯޓް ހަވާލުނުކޮށް ހިންގަމުންދާތީ ވަގުތުން ރިސޯޓު ހަވާލު ކުރަން ނިކަ މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގެ ޝަރީއަތުގައި މޫސާ ގާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު، އއ. ކުޑަފުޅަދޫގައި ބިނާކޮށްފައިވާ ރިސޯޓު ކުއްޔަށް ދިނުމަށް ޖެނުއަރީ7، 1987 ގައި އެގްރިމެންޓެއް ކޮށްފައި ނުވާނެ ކަމަށާއި އަބްދުﷲ ރަޝީދު ކުރާ ދައުވާއަކީ ހައްގު ދައުވާއަކަށް ނުވާތީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށް ނިކައިން ވަނީ ބުނެފަ އެވެ.
މި މައްސަލަ ބެއްލެވުމަށް ފަހު ގާޒީ ވިދާޅުވީ މައްސަލަ ބެލި އިރު މޫސާ ގާސިމާއި ޖޯވާނީ ބޯގާ އާއި އަދި ފަހުން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އއ. ކުޑަފުޅަދޫ އެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް އެއްބަސްވުންތަކެއް ވެފައިވާ ކަމަށެވެ. އަދި އއ. ކުޑަފުޅަދޫއަކީ މޫސާ ގާސިމު ސަރުކާރުން ވާރުވާއަށް ނަގާފައިވާ ރަށެއްކަމަށެވެ.
ނަމަވެސް ގާޒީގެ ހުކުމުގައި ވިދާޅުވެފައި ވަނީ ކުޑަފުޅަދޫއަކީ މޫސާ ގާސިމުގެ މިލްކެއްކަން އެނގެން ނެތުމުން އެ ރަށުގެ މައްޗަށް މޫސާ ގާސިމުގެ ވާރިސުންގެ މައްޗަށް އޮތް ހައްގަކީ ކޮބައިކަންވެސް ސާފު ނުވާ ކަމަށެވެ. އެހެން ކަމުން ކުޑަފުޅަދޫގައި ބިނާކޮށްފައިވާ ރިސޯޓު ނިކަ މޯލްޑިވްސް މޫސާ ގާސިމުގެ ވާރިސުންނާ ހަވާލު ކުރެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.