18 Oct 2010, 02:54
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 21 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބު ބޭއްވޭނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި 75 ދުވަސް ކަނޑައަޅާފައިވާ އިރު، 21 ނޮވެމްބަރުގައި ފުރުސަތު ހުޅުވާލައިގެން އިންތިހާބު ބޭއްވޭނީ 76 ދުވަހުގެ ތެރޭގައި ކަމަށާއި އަކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިއަދު ފައްޓަވާނެ ކަމަށެވެ.
ރަށްތައް ގުޅުވައިލުމުގެ ވޯޓަށް ފަހު އައްޑު އަކީ އެއްރަށުގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އަދި އެކަމާ އިދިކޮޅު ޑީއާރްޕީން ދެކޮޅު ހަދަމުންދާއިރު އިންތިހާބުގައި އެކަން ކުރިޔަށް ގެންދަން ރާވާފައި ވަނީ ކޮން ގޮތަކަށްތޯ ދެންނެވުމުން ފުއާދު ވިދާޅުވީ އެއިރަށްވާއިރު އެކަމުގައި ގޮތެއް ނުނިމި ނުވަތަ އެކަން ކޯޓް ކޭހަށް ބަދަލުވެއްޖެ ނަމަވެސް އައްޑޫގެ ދާއިރާ ދޫކޮށްލާފައި ވެސް އިންތިހާބު ކުރިޔަށް ގެންދާނެ ކަމަށެވެ.
"ކޯޓުކޭހަކަށް ބަދަލުވެއްޖެނަމަ ވެސް އިންތިހާބު ބާއްވާނެ. އަޅުގަނޑުމެނަށް އައްޑޫގެ ވޯޓު ނެގުން ފަސް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ މިހާރު އޮތް މުއްދަތުން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް ވޯޓުލުމަށް އެކަށީގެންވާ މުއްދަތެއް ނުލިބޭ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރު ބަންދު 14 ދުވަސް އަންނާތީ އެ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ރައްޔިތުންނަށް ލިބޭ ބައެއް ހައްގުތަކަށް އުނިކަމެއް އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ގާނޫނީ ގޮތުން ކުރަން ޖެހޭ އެކިއެކި ކަންކަން ކުރުމަށް ހުރިހާ މުއްދަތެއް ގުނަން ޖެހޭނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް ވާތީ އެ މުއްދަތުގެ ތެރޭގައި އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅަން ޖެހުނު ކަމަށް ވިޔަސް، ބަންދު ދުވަސްތަކުގެ ސަބަބުން އެ ހައްގު އެމީހަކަށް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގުތަކާ މެދު ވަރަށް ބޮޑަށް ވިސްނައި، ބެލިއިރު ފެބުރުއަރީ މަހަށް ވުރެ އަވަސް ތާރީހެއް ލިބެން ނެތް ކަމަށާއި އެ ތާރީހު ކަނޑައެޅުމުގައި އެމްޑީޕީ އާއި ޑީއާރުޕީ އަދި އެހެން އެއްވެސް ބައެއްގެ ހިޔާލު ހޯދާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 62 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިންތިހާބު ބާއްވަނީ ފެބްރުއަރީ ފަހެއް ގައވެ. އިލެކްޝަނުން ލަފާކުރާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 270000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލާނެ ކަމަށާއި އެކަމަކު އިންތިހާބު ބާއްވާ ދުވަހަށް ވާއިރު އެ އަދަދަށް ބަދަލު އަންނާނެ ކަމަށެވެ.