17 Oct 2010, 15:32
ނޫސްވެރިކަމަކީ ގައުމުގެ ހަތަރު ވަނަ ބާރެވެ. ނޫސްވެރިޔާގެ މަގާމުގައި ހުރީ ކިތަންމެ އުމުރުން ހަގު މީހެއް ކަމަށް ވިޔަސް އެ މީހަކީ ވަރަށް ނުފޫޒު ގަދަ މީހަކަށްވެ އެވެ. އެއީ މުޅި ގައުމާ ވާހަކަ ދެއްކޭ މީހަކަށް ނޫސްވެރިޔާ ވާތީ އެވެ. ގައުމުގެ އެންމެން ނޫސްވެރިޔާގެ ބަހަށް އިތުބާރު ކުރާތީ އެވެ.
ނޫސްވެރިން ކުރަން ޖެހޭ ކަމަކީ ގައުމު ބިނާ ކުރުމެވެ. ގައުމު ކުރިޔަށް ގެންދަން ޖެހޭ ރަނގަޅު މިސްރާބު ނޫސްވެރިން ދައްކައިދޭން ޖެހެ އެވެ. ގޯސްކޮށް ކަންތައްތައް ދާ ނަމަ އެ ކަމަށް ބިނާ ކުރުވަނިވި ފާޑު ކިޔާން ޖެހެ އެވެ. ހަމަ އެކަނި ފާޑު ކިޔުމަކުން ނުފުދެ އެވެ. އެ ފާޑު ކިޔުމާއެކު ހެޔޮ ގޮތް ދައްކައިދޭން ޖެހެ އެވެ. ހަމަ އެކަނި ފާޑު ކިޔާ ނަމަ ނޫސްވެރިޔާ އަށް އެ އަދާ ކުރެވެނީ އޭނާގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާގެ އެއް ބައެވެ. އަބަދު ކަމު ނުދާ ކަންކަން ދައްކައި އިސްލާހުގެ މަގަށް ފުރުސަތު ފަހި ކޮށް ނުދެވޭ ނަމަ އޭގެ ސަބަބުން މުޖުތަމައު ފަސާދަ ވުމަށް މަގު ހުޅުވޭނެ އެވެ.
ރާއްޖޭގައި ކުރެވޭ ނޫސްވެރިކަމުގެ ތެރޭގައި ވަރަށް ޒިންމާދާރުކަމާ އެކު ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރާ ނޫސްވެރިން ތިބިކަން އަޅުގަނޑު ފާހަގަ ކޮށްލަމެވެ. އެ ފަދަ ނޫސްވެރިން ސަރުކާރުން ކުރާ ނުރަނގަޅު ކަންތައް ތަކަށް ފާޑު ކިޔުމާ އެކު އޭގެ ހެޔޮ ގޮތް ބުނދެ އެވެ. ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމެއް ރަނގަޅު ކުރެވިދާނެ ގޮތް ތަކެއް ބުނެދެ އެވެ. މި ގޮތަށް ކަންތައް ކުރުމުން ސިޔާސަތު ރާވާ ފަރާތްތަކަށް އެކަން ބަލައިގަންނަން ފަސޭހަވެ އެވެ. އަދި ނޫސްވެރިޔާ އެކަން ފާހަގަ ކުރި މަގުސްދު ހާސިލު ވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ރާއްޖޭގައި މިހާރު މި ކުރާ ނޫސްވެރިކަމުގެ ތެރޭން ޒާތީ ކުލަވަރު ވަރަށް ބޮޑަށް ފެނެ އެވެ. ދައުލަތުގެ މީޑިއާ އާއި ޕްރައިވެޓް މީޑިއާގައި ވެސް އެކަން އޮތީ ހަމަ އެހެންނެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެހެން ވާން ޖެހެނީ ނޫސްވެރިކަމުގެ އަސާސީ ސިފަތައް ނޫސްވެރިޔާގެ ފުށުގައި ފުރިހަމަ ވެފައި ނެތީމަ އެވެ. ނޫސްވެރިޔާ އަށް އޭނާގެ ޒިންމާ ނޭނގޭތީ އެވެ. ނުވަތަ ގަސްދުގައި އެ ޒިންމާ އަށް އިހުމާލު ވަނީ އެވެ. ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގައުމީ ވިސްނުން އިސް ނުކުރާ ނަމަ އެ ކުރެވެނީ ހަގީގީ ނޫސްވެރިކަމޭ ބުނެވޭނެ ޖާގައެއް ނެތެވެ.
އަމިއްލަ އެޖެންޑާއެއް އިސްކޮށްގެން ނުވަތަ ތިމާ ތާއީދު ކުރާ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓު ކުރުމަށް ނޫސްވެރިޔާ މަސައްކަތް ކުރާ ނަމަ އޭނާ ގައުމަށް ފާޅުގައި ޣައްދާރު ވަނީ ކަމަށް ގަބޫލު ކުރެވޭނެ ޖާގަ އެބަ އޮތެވެ. ނޫސްވެރިޔާގެ ހުރިހާ ވިސްނުމެއް ހުންނާން ޖެހޭނީ ގައުމުގެ މަސަލަހަތާއި ހެވާއި ލާބައަށް އަމާޒު ކޮށްފަ އެވެ. އެހެން އިބާރާތަކުން ބުނާ ނަމަ ނޫސްވެރިޔާގެ ވިސްނުމަކީ ވަރަށް ޤައުމީ ވިސްނުމަކަށް ވާން ޖެހެއެވެ.
ރާއްޖޭގެ މިއަދު ހާލަތަށް ބަލާ އިރު މީޑިއާގެ ހާލަތު މި އޮތީ އެންމެ މިނިވަންކަން މަތީގައި ކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ. ނޫސްވެރިންގެ ވިސްނުން މިނިވަންކަން މަތީ ދެމެހެއްޓޭނެ ވެއްޓެއް މިތަނުގައި ގާއިމު ވެފައެއް ނެތެވެ. ނޫސްވެރިންގެ މިނިވަންކަން ގަނެލުމަށް ސިޔާސީން ރެޔާއި ދުވާލު މަސައްކަތް ކުރެ އެވެ. ނޫސްވެރިޔާގެ މިނިވަންކަމާ އޭނާއަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ގުޅިފައިވެ އެވެ. ނޫސްވެރިޔާ ފުދެން ޖެހެ އެވެ. އަމިއްލަ މުހުތާދުތައް ފުއްދުމަށް އެތައް ބައެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން ނޫސްވެރިން އުޅެން ޖެހޭ ނަމަ އަބަދު ވެސް ކޮންމެވެސް ބައެއްގެ ހައްގުތަކެއް ހިމާޔަތް ކޮށްދޭން ޖެހޭނެ އެވެ. އެ ހާލަތުގައި ނޫސްވެރިޔާ މިނިވަން ވާނެ ގޮތެއް ނޯންނާނެ އެވެ. މި ހާލަތުން އެއްކިބާ ވުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިނިވަން ނޫސްވެރިކަން ދިރުވަން މަސައްކަތް ކުރާ ފަރާތްތަކުން ކެނޑިނޭޅި މަސައަކަތް ކުރެ އެވެ. ނޫސްވެރިންގެ އާމްދަނީ އަކީ ބައެއްގެ ޖީބަށް ފުންމާ ނުލައި އުޅެވޭނެ އެއްޗަކަށް އެދުމަށް ގޮވާލަ އެވެ. އެކަމަކު އެކަން އެގޮތަށް ވާނެ ހާލަތެއް މި ރާއްޖޭގައި ވެސް އަދި ފެންނާކަށް ނެތެވެ. މީގެ ނަތީޖާ ސީދާ ގޮތުގަ އާއި ނުސީދާ ގޮތުގައި ދިވެހި ނޫސްވެރިކަމުގެ ތެރެއިން ވެސް ފެންނަމުންދެ އެވެ.
ގައުމު އާރާސްތު ކުރުމާއި ބިނާ ކުރުމުގެ ހަތަރު ވަނަ ބާރު ހެޔޮގޮތުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ސެލްފް ރެގިޔުލޭޓްރީ ސިސްޓަމެއް މި ގައުމަށް ނިހާޔަތަށް ބޭނުންވެ އެވެ. ނޫސްވެރިންގެ މައްސަލަތައް ސަރުކާރުން ބެލުމުގެ ބަދަލުގައި މީޑިއާއިން އުފައްދާ މިނިވަން ބޮޑީއަކުން ބެލޭނެ ނިޒާމެއް އަވަހަށް އުފައްދާން ޖެހެ އެވެ. ފައިސާ އާއި ނުފޫޒުގެ ބޭރުން ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނޫސްވެރިންގެ މައްސަލަތައް ސަރުކާރުން ބެލުމެވެ. މުއައްސަސާތަކަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނެގުމެވެ.
އެއްވެސް ބަޔަކު އެ ބަޔަކާ ދިމާ އަށް ފާޑު ކިޔާކަށް ނޭދޭނެ އެވެ. ވުމާ އެކު ސަރުކާރު އެ ކަމުން ބަރީއަ އެއް ނުވާނެ އެވެ. އެހެން ކަމުން ސަރުކާރުން ނޫސްވެރިންނަށް ހެޔޮ ގޮތްތަކެއް ހަދައިދޭނެ ކަމަށް ވިސްނައިގެން ނުވާނެ އެވެ. ނޫސްވެރިކަމުގެ ހަގީގީ ދިރުމަކަށް ވާނީ، އެ މީހުންނަށް މިނިވަން ކަމާ އެކު ހަރަކާތްތެރި ވެވޭނެ ސިސްޓަމެއް އެމީހުން އަމިއްލައަށް އުފެއްދުމެވެ.