17 Oct 2010, 14:25
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެގްރިމެންޓުގައި މެލޭޝިއާގެ ކުންފުންޏަކާ އެކު އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ސޮއިކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެގްރިމަންޓްގައި ސޮއިކުރުން މަޑުޖައްސާލަން އެންގި އެންގުމާ ޚިލާފަށް ކަމަށް ބުނެ އިމިގްރޭޝަނާ މެދު ފިޔަވަޅު އެޅުމަށް އޭސީސީން ނިންމައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމާ ގުޅޭ ޝަކުވާތަކެއް ކޮމިޝަނަށް ލިބުމާ ގުޅިގެން އެ އެގްރިމަންޓްގައި ސޮއިކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އިމިގްރޭޝަނަށް މިއަދު ހެނދުނު އެންގެވި ކަމަށެވެ. އެގޮތުން ހެނދުނު 9:35 އެހާކަންހާއިރު އިމިގްރޭޝަނަށް ސިޓީއެއް ފޮނުއްވި ކަމަށާއި އަދި ގުޅައިގެން ވެސް އެކަން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މިއަދު ހަވީރު ރަސްމީ ގަޑި ނިމުނުއިރު ވެސް އިމިގްރޭޝަނުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އެގްރިމެންޓުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު 11:00 ޖެހިއިރު އިމިގްރޭޝަން އޮފީހުގަ އެވެ.
ލުތުފީ ވިދާޅުވީ، ކޮންމެ ކޮންމެ ޝަކުވާއެއް ލިބިގެން އެގްރިމެންޓުގައި ސޮއިކުރުން ފަސްކުރުން ފަދަ ބޮޑު އެންގުމެއް ކޮމިޝަނުން ނާންގާނެ ކަމަށާއި އެގޮތަށް އެންގެވީ ބިޑިން ޕްރޮސެސްއާ ގުޅޭ ބޮޑެތި ޝަކުވާތަކެއް ލިބިގެން ކަމަށެވެ.
ޝަކުވާ ހުށަހެޅީ ކޮން ބައެއްތޯ ދެންނެވުމުން ލުތުފީ ވިދާޅުވީ، އިމިގްރޭޝަންގެ "ބޮޑުންގެ" މީހެއް ވެސް އޭސީސީގެ ސަމާލު ކަމަށް މި މައްސަލަ ގެންނެވި ކަމަށެވެ. އޭނާ އަދި ވިދާޅުވީ، މިއީ އޭސީސީން އިތުރަށް ތަހުގީގުކުރާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު ދެއްވެން ނެތް ކަމަށެވެ.
މީގެ އިތުރުން، އޭސީސީގެ އެންގުމާ ޚިލާފަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވާތީ، ކޮމިޝަނުގެ މޭންޑޭޓުގެ ތެރެއިން އިމިގްރޭޝަނާ މެދު ފިޔަވަޅުއަޅާނެ ކަމަށާއި އެ އެގްރިމެންޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ކޮމިޝަނުން އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކޮމިޝަނުގައި މާދަމާ މަޝްވަރާކޮށް ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މިނިސްޓަ އޮފް ސްޓޭޓް، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ، ބިޑިން ޕްރޮސެސް ގެންގޮސްފައި ވަނީ ކަމާ ބެހޭ މުއައްސަސާތަކުގެ ބެލުމުގެ ދަށުން ހުރިހާ ޤާނޫނަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އޭސީސީން މިއަދު ސޮއިކުރުން ފަސްކުރުމަށް އެންގި އިރު، ރަސްމީ ހުރިހާ ލިޔެކިޔުންތަކެއްގައި ހުރީ މާކުރިން ސޮއިކޮށް ނިމިފައި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަދި އޭސީސީން ބޮޑު ތުހުމަތުތަކެއް ކުރުމުގެ ކުރިން ރަނގަޅަށް މައްސަލަ ބަލަން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ކޮމިޝަނަށް އިލްޔާސް ގޮންޖެއްސެވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް 20 އަހަރު ދުވަހަށް އެ މަސައްކަތް ހަވާލުކުރީ މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ވިހި އަހަރު ދުވަހަށް ހަވާލުކުރި މި މަސައްކަތަށް 23 މިލިއަން ޑޮލަރު (295.55 މިލިއަން ރުފިޔާ) އެ ކުންފުނިން އަމިއްލަ އަށް އިންވެސްޓްކުރާނެ ކަމަށާއި އެ ފައިސާ އަނބުރާ ކުންފުންޏަށް ހޯދުމަށް ހަމަޖެހިފައި ވަނީ އެ ސިސްޓަމްގެ ތެރެއިން ބޭރު މީހުންނަށް ދޭ ވޯކްވީޒާ ދޫކުރުން ފަދަ ޚިދުމަތްތަކުގެ އަގުން ވަކި ފީއެއް ނަގައިގެން ކަމަށް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.