މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ޑްރާފްޓަކީ "އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ" ބިލެއް ކަމަށް ހުވާ ކުރައްވައި ޝައިހް އިލްޔާސް ހުސައިން ދެއްވި ދަރުސްގެ ރެކޯޑިން ކޮމެޓީ އަށް މިއަދު އިއްވައިފި އެވެ. އެ ރިކޯޑިން ކޮމެޓީ އަށް އިއްވުމުން މެންބަރުން ވިދާޅުވީ އިލްޔާސް ހެއްދެވީ އިތުރުފުޅު ކަމަށެވެ. އަދި ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ގާނޫނުލް އުގޫބާތުގެ ޑްރާފްޓް ބެއްލުމަށް ފަހު އިލްޔާސްގެ ވާހަކަ އަޑުއަހާ މީހަކަށް އޭނާ ދޮގު ހެއްދެވިކަން ހާމަވާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ފުރުޤާން މިސްކިތުގައި "އިސްލާމީ ޝަރީޢަތުގެ މަގުސަދު"ގެ ނަމުގައި ބޭއްވި ދަރުސްގައި އިލްޔާސް ދެއްކެވި ވާހަކަފުޅުގެ މަޖިލީހަށް ފޯރުކޮށްދީފައި ވަނީ "ރޭޑިއޯ އެޓޯލް"އިން ނެވެ. ނޫސްވެރީންގެ ހާޒިރުގައި ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީ އަށް އިއްވެވި އެ އޯޑިއޯގައި އިލްޔާސް ވިދާޅުވެފައި ވަނީ މަޖިލީހުން ތައްޔާރުކޮށްފައިވާ ގާނޫނުލް އުގޫބާތުގެ ޑްރާފްޓް ފާސްވެ، ގާނޫނަކަށް ވެއްޖެ ނަމަ އިސްލާމްދީނުގެ އެއްވެސް ހުކުމެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އަދި ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް އަދަބެއް ދޭން ނުޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"އެ ގާނޫނަކީ އަޅުގަނޑު ބެލިބެލުމުގައި، އަޅުގަނޑު ކެރިހުރެގެން މިސްކިތުގައި [ފުރުގާން މިސްކިތުގައި] ހުރެ، ﷲ ގަންދީ ހުވާކޮށް މި ބުނަނީ އެ ގާނޫނަކީ މުޅި އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ގާނޫނެއް. ކެރިހުރެގެން މި ދަންނަވަނީ ގާނޫނީ ވަކީލުން ހުރިހާ އެންމެން އެއްފަރާތަކަށް އަންނަންވީ އަޅުގަނޑު އެކަނިމާއެކަނި ވެސް ތެދުވެ [އެއާ ދެކޮޅަށް ވަކާލާތު ކުރަން] މި ހުރީ ތައްޔާރަށް،" އިލްޔާސް ވިދާޅުވި އެވެ.

އަދި ވިދާޅުވި އެވެ. "އިސްލާމް ދީނުގެ އެއްވެސް ހުކުމެއް ނޯންނާނެ. [ގާނޫނުލް އުގޫބާތުގެ ޑްރާފްޓްގައި] ޒިނޭއެއް ނެތް. ވައްކަމެއް ނެތް. ހިޔާނާތެއް ނެތް. މަކަރާއި ހީލަތެއް ނެތް. މަގު ފޭރުމެއް ނެތް. އެއްވެސް ކަމެއް ނެތް. އަދި މަސްތުވެގެން ހުރެ، މިއިން އެއްވެސް ކަމެއްކޮށްފި ނަމަ އެ މީހާ އިސްތިސްނާވާނެ. 18 އަހަރު ނުފުރޭ ކުއްޖަކު [ކުށެއް] ކޮށްފި ނަމަ އެވެސް އިސްތިސްނާވާނެ،"

ނަމަވެސް އިލްޔާސްގެ އެ ވާހަކަފުޅަކީ "ކަނޑައެޅިގެން ހެއްދެވި ބޮޑެތި" އިތުރުފުޅުތަކެއް ކަމަށް ވިދާޅުވެ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތަށް ގާނޫނުލް އުގޫބާތުގެ ޑްރާޓް ތައްޔާރު ކުރަމުންދާ ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވި އެވެ. އެގޮތުން ދީނުގައި ކަނޑައެޅިގެން ހައްދު ކަނޑައަޅާފައިވާ ކަންތައްތަކަށް އިސްލާމީ ޝަރީއަތުގައިވާ އަދަބު ކަނޑައަޅާފައިވާނެ ކަމަށް މިސާލު ޖައްސަވަމުން ޒިނޭގެ ހައްދާއި ގަދަކަމުން ޒިނޭ ކުރުން ނުވަތަ ރޭޕް ކުރުމާއި ޖިންސީ ކުށްތަކުގެ އަދަބުތައް ބަޔާކޮށްފައިވާނެ ކަމަށެވެ.

އެހެން ވިދާޅުވެ، އިލްޔާސް އަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވީ ކޮމެޓީ އަށް ހާޒިރުވި ހަތަރު މެންބަރުންނެވެ. އެއީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާއާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.

އަހުމަދު ވިދާޅުވީ މިސްކިތެއްގައި ދަރުސްދެއްވަމުން "ﷲ ގަންދީ ހުވާ ކުރައްވަމުން" އިލްޔާސް އެފަދަ ބޮޑު ދޮގޮތަކެއް ހެއްދެވުމަކީ "ކުރަން ހެޔޮވާވަރުގެ" ކަމެއް ނޫން ކަމަށެވެ.

ޒިނޭގެ އަދަބު ފުރަތަމަ ފަހަރަށް ސާބިތުވެއްޖެ ނަމަ ހައްދު ޖަހާނެ ގޮތާއި ހައްދު ޖެހުމުގައި ދޭވާނީ އަމަލު ކުރާނެ ގޮތުގެ އުސޫލު ވެސް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ގާނޫނުލް އުގޫބާތުގައި ޖިންސީ ކުށްތައް ބަޔާންކޮށްފައިވާ 130 ވަނަ މާއްދާ އާއި 411 ވަނަ މާއްދާ ދީނީ އިލްމުވެރިން ބެއްލެވުމަށް މެންބަރުން ގޮވައިލެއްވި އެވެ.

މަސްތުވެގެން ހުރެ، ކުށެއްކޮށްފި ނަމަ އެ ކުށަކުން އެ މީހަކު މިންޖުވާނެ ކަމަށް ބުނަމުންދާތީ ކޮމެޓީގެ މުގައްރިރު އަހުމަދު ހަމްޒާ މީގެ ކުރިން ވެސް އެއަށް ވަނީ ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ގޮތުގައި ގަދަކަމުން، ނުވަތަ ބިރުދައްކައިގެން މީހަކު މަސްތު "ކުރުވުމުން" އެ މީހަކަށް ކުރެވޭ ކުށަކުން އެ މީހަކު ބަރީއަވާނެ ކަމަށް ގާނޫނުލް އުގޫބާތުގައި ބުނެފައިވާނެ ކަމަށާއި ނަމަވެސް ގަސްތުގައި މަސްތުވެގެން ކުރާ ކުށަކަށް އެ މީހަކަށް އަދަބު ލިބޭނެ ކަމަށެވެ.

އަށާރަ އަހަރު ނުވާ ކުއްޖަކަށް އަދަބެއް ނުދެވޭނެ ކަމަށް އިލްޔާސް ވިދާޅުވި އިރު ގާނުނުލް އުގޫބާތުގައި ބުނެފައި ވަނީ 14 އަހަރު ނުވާ ނަމަ އެ ކުއްޖަކު ކުރާ ކުށަކަށް އަދަބު ނުލިބޭނެ ކަމަށެވެ. ފިގުހު އެކަޑަމީން ކޮމެޓީގައި އެދިފައި ވަނީ އެ އުމުރު 10 އަހަރަކަށް ތިރި ކުރުމަށެވެ. ނަމަވެސް ކޮމެޓީއަކުން އެ ބަދަލެއް ބިލަކަށް ނުގެނެ އެވެ.

ކޮމެޓީ ތައްޔާރު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ޑްރާފްޓާ ބެހޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކަފުޅުގެ މައްސަލަ އިތުރަަށް ކުރިއަށް ގެންދިއުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.