27 Mar 2013, 17:59
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ހުށަހެޅި އިތުރު ދެ ހެއްކެއްގެ ހެކިބަސް ނަގައިފި އެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން ކުރާ، ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނަގައިފައި ވަނީ ޕޮލިސް ސާޖަންޓް ހަސަން އިރާޝް އާއި ލާންސްކޯޕްރަލް އިބްރާހީމް ހަމީދުގެ ހެކި ބަހެވެ.
އެ ދެ ބޭފުޅުންގެ ހެކިބަހުގައި އިބްރާހީމް ދީދީ އެއްވެސް ކަމެއް ކުރެއްވި ކަމަކަށް ވިދާޅުވެފައެއް ނުވެއެވެ. ދެ ބޭފުޅުންމެ ވިދާޅުވީ ފުލުހުންގެ ބޭފުޅަކު އެންގުމުން އިތުރު ފުލުހުންތަކަކާ އެކު އަބްދުﷲ ގާޒީ ހައްޔަރު ކުރި ރޭ އެ ދެ ބޭފުޅުން ބަނޑޭރި ކޮށްޓަށް ވަޑައިގެންނެވި ކަމަށާއި އެވަގުތު އިބްރާހީމް ދީދީ އާ އެބޭފުޅުންނާ ބައްދަލުވި ކަމަށެވެ.
އިބްރާހީމް ދީދީ އެބޭފުޅުން އަރިހު ވިދާޅުވީ ކީއްކޭތޯ ދައުލަތުން އެއްސެވުމުން ދެ ބޭފުޅުން ވެސް ވިދާޅުވީ އިބްރާހީމް ދީދީ ހަމައެކަނި ވިދާޅުވި އެއްޗަކީ "ތިއީ ތޯ މި ތަނަށް އައި ފުލުހުންނަކީ" ކަމަށާއި އޭގެ ޖަވަބުގައި އާނއެކޭ އެ ދެ ބެފުޅުން ވެސް ވިދާޅުވި ކަމަށެވެ.
އެ ދެ ބޭފުޅުންނާ އިތުރު ކަމަކާ ގުޅޭގޮތުން ދައުލަތުން ސުވާލު ކޮށްފައި ނުވާއިރު އިބްރާހީމް ދީދީގެ ފަރާތުން އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ.
ދައުލަތުން ހުށަހެޅި ބައެއް ހެކީން ތަހުގީގަށް ދިން ބަޔާނުގައި އިބްރާހީމް ދީދީ ކުރެއްވި ކަމެއް ބުނެފައި ނުވާތީ އެ ފަރާތްތަކުގެ ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އިބްރާހީމް ދީދީގެ ވަކީލު އިސްމާއިލް ވިޝާމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ނެންގެވި އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވި ނިންމުމުގައި ބުނަނީ އެމީހަކު ބޭނުން ހެއްކެއް ހުށަހެޅުމުގެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށާއި އެހެންކަމުން ދައުލަތުން ހުށަހެޅި ހުރިހާ ހެކީން ވެސް ކޯޓުން ބަލައިގަންނާނެ ކަމަށް ވެސް ފަނޑިޔާރުންގެ ނިންމުމުގައި ބުނެފައި ވެއެވެ.
އިބްރާހީމް ދީދީގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް އަދި ނަގައި ނިމިފައެއް ނުވެއެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ދެ ބޭފުޅުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ސިފައިންގެއަށް ހާޒިރުކޮށްދިނުމަށް އޭނާ އަރިހު އިބްރާހީމް ދީދީ އެދިފައިވާ ކަމަށެވެ. އަދި އެ ދުވަހު ހެކިބަސް ދިން ދެވަނަ ބޭފުޅާ ކަމަށްވާ ފަސްޓް ލެފްޓިނެންޓް އަލީ އިހްސާން ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއާ ގުޅޭގޮތުން ސިޓީތަކެއް ބަދަލުކުރެވުނު އިރު ސިފައިންގެ ތެރޭގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު އަރިހު އިބްރާހީމް ދީދީ ވެސް ހުންނެވި ކަމަށެވެ.