27 Mar 2013, 17:20
އެމެރިކާ އިން ރާއްޖެ އަށް ހަދިޔާ ކުރާ ބޯޑަކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަ ދައްކަވަމުން ކާނަލް ނާޒިމު ވިދާޅުވީ ބޯޑަކޮންޓްރޯލް ސިސްޓަމް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ އޮންނާނެ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު މާދަމާ ދެއްވާނެ ކަމަށެވެ.
"އެމެރިކާ އިން ހަދިޔާކުރާ ބޯޑަކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ތިނެއް ޖަހާއިރު އޮންނާނެ. އެކަމާ ބެހޭ މައުލޫމާތު ފަހުން ދޭނަން،" ސަން އަަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ބޯޑަކޮންޓްރޯލް ސިސްޓަމް ހަދިޔާކުރަން އެމެރިކާ އިން ނިންމީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ބޯޑަކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގާއިމްކުރަން އުޅުނު ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ވަނީ އަންގައިފަ އެވެ.
މަޖިލީހުން އެކަން ސަރުކާރަށް އެންގީ މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށައަޅައި ފާސްކޮށްގެންނެވެ.