ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅައިފައިވާ މެމްބަރޝިޕް ފޯމްތަކުގެ ތެރެއިން ބައެއް ފޯމްތަކުގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަ ކުރެވިގެން އެ މައްސަލަތައް ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާ ގޮތުގެ މައުލޫމާތު މީޑިއާއަށް ދިނުމަށް އެ ކޮމިޝަންގައި ހަފްތާއަކު އެއް ފަހަރު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އެ މައްސަލަތަކުގެ ތެރޭގައި މަރުވެފައިވާ މީހެއްގެ ނަމުގައި ފުރާފައިވާ ފޯމެއްގެ މައްސަލަ އާއި، އަދި އެ ކޮމިޝަންގެ މުވައްޒަފެއްގެ ނަމުގައި ފުރާފައިވާ ފޯމެއްގެ މައްސަލައިގެ އިތުރުން ވެސް ބައެއް އެހެން މައްސަލަތައް ހުރި ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މެމްބަރޝިޕް ފޯމްތަކުގެ މައްސަލައިގެ އިތުރުން އައިޑީ ކާޑުގެ ފޯޖަރީއާ ގުޅޭ ހަތަރު މައްސަލައެއް ވެސް ފުލުހުންނަށް މިހާތަނަށް ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.

"ސިޔާސީ ޕާޓީ ތަކަށް ވަންނާން ހުށަހަޅާފައި ހުރި ފޯމްތަކުގެ ތެރެއިން އެންމެ ފަހުން ޗެކް ކުރި ފޯމްތަކުގެ ތެރޭގައި ބޮޑެތި މައްސަލަތައް އުޅޭ ކަމަށް ފާހަގަ ކުރެވިފައި ވޭ. އޭގެ ތެރޭގައި މަރުވެފައިވާ މީހެއްގެ ނަމުގައި ފުރާފައިވާ ފޯމެއްގެ މައްސަލަ އާއި މި ތަނުގެ މުވައްޒަފެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ކޮންމެވެސް ގޮތަކުން ހޯދައިގެން އޭނާގެ ފޯމް މިތަނަށް ވަދެފައި އޮތް މައްސަލަ ވެސް ހިމެނޭ. އަދި އައިޑީ ކާޑުގެ ފޯޖަރީއާ ބެހޭ ހަތަރު މައްސަލައެއް ވެސް ފާހަގަ ކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ ބައެއް ކަންކަން އިސްލާހް ކުރުމުގެ ގޮތުން އަންނަ އޭޕްރީލް މަހުގެ ހަތެއްގެ ނިޔަލަށް އާއްމު ފަރާތްތަކުން އެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ކޮމިޝަނުން ހުޅުވާލާފައިވާ ކަމަށެވެ.