27 Mar 2013, 17:05
އިނގިރޭސި ޕްރިމިއާލީގުގެ ރެޑިންގް ފުޓްބޯޅަ ކުލަބުގެ އާ ކޯޗަކަށް ކުރީގެ ސައުތަމްޕްޓަންގެ ކޯޗު ނިޖެލް އެޑްކިންސް ހަމަޖައްސައިފި ކަމަށް އެކުލަބުން ބުނެފިއެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ ފަހަތުން ދެވަނައިގައި ރެލިގޭޝަނާ ހަނގުރާމަކުރަމުންދާ ރެޑިންގެ ކޯޗުކަމުން މީގެ ދެހަތާކުރިން ބްރެއިން މެކްޑަމޮޓް ވަކިކުރުމަށްފަހު، އިއްޔެގެ މަގުތެއްގައި ތިން އަހަރުދުވަހުގެ މުއްދަތައް އެޓީމުގެ ކޯޗުކަމާ ހަވާލުވި އެޑްކިންސްގެ މަސައްކަތަކަށްވާނީ ރެޑިން ރެލިގޭޝަނުން ސަލާމަތްކުރުމެވެ.
ކުލަބުގެ ވެބްސައިޓުގައި ލިޔެފައިވާގޮތުން ރެޑިންގެ ކޯޗަކަށް މިވަގުތު އެންމެ ރަނގަޅު މީހަކީ އެޑްކިންސް އެވެ. އަދި އެޑްކިންސް ރެޑިންއާ ގުޅިފައިވަނީ ފުރިހަމަ ތަޖުރިބާއާއި މޮޅުވުމުގެ ވިސްނުމާއި، ހާއްސަކޮށް ޒުވާން ކުޅުންތެރިން ތަރައްގީކުރެވޭނެ ކަމުގެ ފުރިހަމަ ގާބިލުކަމާ އެކުގައި ކަމަށާއި އެޑްކިންސްގެ ސީވީގައި ވާ ހަތަރު ޕޮރޮމޯޝަންއާއި ޕްރިމިއާލީގުގެ ތަޖްރިބާ އެކަން ޔަގީންކޮށްދޭ ކަމަށް އެ ކުލަބުގެ ވެބްސައިޓުގައި ލިޔެފައި ވެއެވ.
ރެޑިންއަށް ލީގުގައި ބާކީ އަށްމެޗު ކުޅެން އޮތް އިރު ރެލިގޭޝަނުން ސަލާމަތްވުމަށް ހަތްޕޮއިންޓުގެ ކުރިއެރުމެއް ހޯދަން ޖެހެއެވެ. އެ ކުލަބު އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރަން ޖޭހޭނީ އާސެނަލްއާއެވެ. އަދި ޖެހިގެން އަންނަ މެޗުގައި ބައްދަލުކުރަން ޖެހޭނީ އެޑްކިންސްގެ ކުރީގެ ކުލަބު ސައުތަމްޕްޓަން އާއެވެ.