އެސްބީޓީ ގްރޫޕުން އުމުރާއަށްދާ ފަރާތްތަކަށް މިއަންނަ މަހުގެ ދެ ވަނަ ދުވަހު ފުރޭނެ ކަމުގެ ޔަގީންކަން ދީފައި ނުވާނެ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެފި އެވެ.

އެސްބީޓީ ގްރޫޕުން އުމުރާ އަށް ދާން އުޅޭފަރާތްތަކަށް ނުދެވިގެން އެ މައްސަލަ ޖެހި 19 ފަރާތަކުން އަނބުރާ އެ ފައިސާ ހޯދުމަށް އެދުމުން އެ ގްރޫޕުން އެ ފަރާތްތަކަށް ޗެކެއް ދީފައިވާ އިރު އެސްބީޓީ އިން މިއަދު ބުނެފައި ވަނީ އެ ގްރޫޕުން އުމުރާ އަށް ދާން ބޭނުއްވާ ފަރާތްތަކަށް މިއަންނަ މަހުގެ ދެ ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ދިއުމަށް ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ލަންކާ އެއާލައިންސް އިން މިއަދު ބުނީ ދެ ވަނަ ދުވަހު ދެވޭނެ ކަމަށް އަދި ޔަގީން ކޮށްދީފައިނުވާ ކަމަށެވެ.

ލަންކާ އެއާލައިންސްގެ ސޭލްސް މެނޭޖާ އަހުމަދު އިޖާޒު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެސްބީޓީ ގްރޫޕުން 34 ޓިކެޓް ރިޒަވޭޝަން ހެއްދުމަށް ފަހު ފައިސާ ނުދައްކާ މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަންނަ މަހުގެ ދެ ވަނަ ދުވަހު އެ ގްރޫޕުން އުމުރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަރުވާފައި ނުވާނެ ކަމަށާއި އެކަން ކުރެވޭނީ އެއެއާލައިނަށް ލިބެން ޖެހޭ ފައިސާ ލިބުމުން ކަމަށެވެ. އަދި މިހާތަނަށް އެ ފައިސާ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީން ކަމެއް އަރުވާފައެއް ނޯންނާނެ، އަޅުގަނޑުމެނަށް ޔަގީންކަމެއް ވެސް އެރުވޭނީ އަދި ސާވިސް އެއްވެސް ދެވޭނީ އެސްބީޓީ އިން ލިބެން ޖެހޭ ފައިސާތައް އަޅުގަނޑުމެނަށް ލިބުނީމަ،" އިޖާޒު ވިދާޅުވި އެވެ.

އެސްބީޓީ އިން ލަންކާ އެއާލައިނަސް އަށް ދީފައިވާ ޗެކްތަކެއް ބައުންސްވެފައިވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "އެވާހަކަ ބުނަން ވަރަށް ދަތި" ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެސްބީޓީ އިން އުމުރާ އަށް ދިއުމަށް 34 ޓިކެޓަށް ލަންކާ އެއާލައިނަށް ދައްކާފައިވާ 278468ރ.ގެ ޗެކްތަކެއް ބައުންސްވެފައިވާ ކަމަށް ލަންކާ އެއާލައިންސް އިން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

އެ މައްސަލާގައި އެސްބީޓީގެ ބަހެއް ލިބިފައިނުވާ އިރު މިއަދު އެސްބީޓީގެ އިސްވެރިޔާ އަބުދުﷲ ބާގިރު ސަން އޮންލައިނަށް ބުނެފައި ވަނީ އުމުރާ އަށް ފައިސާ ދެއްކުމަށް ނުފުރުނީ ޓިކެޓުގެ މައްސަލައެއް ދިމާވެގެން ކަމަށާއި އެ ގްރޫޕުން ދާން ބޭނުންވާ ފަރާތްތަކުން ގޮވައިގެން މިއަންނަ މަހުގެ ދެ ވަނަ ދުވަހު ލަންކާ އެއާލައިންސް އިން ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެސްބީޓި ގްރޫޕުން އުމުރާ އަށް ގެންދާނެކަމަށް ބުނެ 34 މީހަކު އަތުން ފައިސާ ނެގުމަށް ފަހު ނުފުރިގެން އެ މައްސަލަ މިހާރު ވަނީ ފުލުހުނަށް ވެސް ހުށައަޅައިފަ އެވެ. އަދި ބައެއް މީހުން އަނބުރާ ފައިސާ ދިނުމަށް އެދުމުން އެ ގްރޫޕުން ވަނީ 19 ފަރާތަކަށް އެމީހުން ދެއްކި ފައިސާގެ ބަދަލުގައި ޗެކެއް ދީފަ އެވެ.

އުމުރާއަށް ބަޔަކު ނުދެވިގެން އެ މައްސަލަ ފުލުހުނަށް ހުށަހަޅައިފައިވާ އިރު މިދިޔަ އަހަރު ވަނީ ހައްޖަށް މީހުން ގެންގޮސް ދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހަކީ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފެވެ. އޭނާ ވަނީ 126 މީހެއްގެ އަތުން އަށް މިލިއަނަށް ވުރެ ގިނަ ފައިސާ ނަގައިފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރަމުންނެވެ.