27 Mar 2013, 15:59
ނޭޕާލުގައި ކުރިއަށްދާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ޓްވެންޓީ-ޓްވެންޓީ ކްރިކެޓް ކަޕްގައި މިއަދު ރާއްޖެ އާއި ސިންގަޕޫރު ކުޅުނު މެޗުން ސިންގަޕޫރުގެ މައްޗަށް ރާއްޖެ ކުރިހޯދައިފިއެވެ. ރާއްޖެ މޮޅު ވެފައި ވަނީ ބާކީ 20 ބޯޅައާ އެކު ފަސް ވިކެޓުންނެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމަށް ޓޮސް ދިމާވުމުން ކެޕްޓަން ޢަބްދުﷲ ޝާހިދު ގަސްދު ކުރީ ހޮވާންށެވެ. އެގޮތުން ސިންގަޕޫރުގެ ޓީމުން ކުޅޭން އަރައި 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރީން ނުބައިވެގެން ހެދުނީ 132 ލަނޑެވެ. ޖަވާބުގައި ކުޅޭން އަރައި ރާއްޖޭގެ ޓީމުން ވަނީ 16.4 އޯވަރުގެ ތެރޭގައި 133 ލަނޑު ހަމަކޮށް މެޗް ކާމިޔާބު ކޮށްފައެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް އުކައިފައި ވަނީ މުހައްމަދު ޝާފީއެވެ. އޭނާ ވަނީ 4 އޯވަރުގެ ތެރޭގައި 22 ލަނޑަށް 2 ވިކެޓް ނަގާފަ އެވެ. ޝާފީގެ އިތުރުން އިޝާންއާއި ޝާހިދު ވެސް ވަނީ ދެ ވިކެޓް ނަގައިފައެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް އުކައިފައިވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު މުހައްމަދު ރިޝްވާން އެވެ. އޭނާ ވަނީ ރާއްޖޭގެ ޓީމަށް 48 ލަނޑު ހަދައިދީފައެވެ. ރިޝްޥާންގެ އިތުރު ރާއްޖޭގެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި މިހުސާން ހާމިދު އެވެ.
މިއަދުގެ މެޗުން މޮޅުވުމުން ރާއްޖެ އޮތީ ދެ ޕޮއިންޓާއެކު ގްރޫޕް އޭގެ ތާވަލުގެ ތިންވަނައިގައެވެ. ދެ ޕޮއިންޓާ އެކު ރަންރޭޓުގެ ތަފާތުން ތާވަލުގެ ދެވަނައިގައި މުބާރާތް ބާއްވާ ނޭޕާލު އޮތް އިރު ކުޅުނު ދެ މެޗުން މޮޅުވެގެން ހަތަރު ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތީ ހޮންކޮންގް ޓީމެވެ. ފަސްޓީމު ހިމެނޭ ގުރޫޕު އޭގެ ހަތަރުވަނައިގައި ސިންގަޕޫރު އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ނޭޕާލު ޓީމެވެ.
ކްރިކެޓް ބޯޑުން މައުލޫމާތު ދިން ގޮތުގައި މިއަދުގެ މެޗު ނިމުމާއެކު ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ޓީމަށް ގުޅުއްވައި އެ ކާމިޔާބީ ފާހަގަ ކުރައްވައި ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.
ރާއްޖޭގެ ޓީމު އެ މުބާރާތުގައި ދެން ކުޅޭން ޖެހޭ މެޗުގައި ވާދަ ކުރާން ޖެހޭނީ ތާވަލުގެ އެއްވަނައިގައި އޮތް ހޮންކޮންގް ޓީމާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު ހެނދުނު އެވެ.