ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އުފެދިފައިވާ ޕާޓީތައް ނުއުވޭ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އެގޮތަށް އެދިފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް ބަންޑާރަ ނާއިބްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އެކުލެވިފައިވާ ގޮތުން 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކާ މެދު އަމަލު ކުރާނެ އުސޫލެއް އެ ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ) އޮތް ގޮތުން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވިގެންދާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެއްސެވުމުން އުޝާމް ވިދާޅުވީ ގާނޫނު އެކުލަވާލެވިފައި އޮތް ގޮތުން އެކަމަށް އޮތް ހައްލަކީ އެ ގަނޫނުގެ އަށް ވަނަ މާއްދާގެ (ށ) ބާތިލުކުރުން ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި ހަމައެކަނި ސިޔާސީ ޕާޓީކަމަށްވާ އެމްޑީއޭއާ އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޝާހީން ހަމީދު ވިދާޅުވީ އެމްޑީއޭ އިން ދެކޭ ގޮތުގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތަކާ މެދު އަމަލު ކުރާނެ އުސޫލެއް ގާނޫނުގައި ކަނޑައެޅިފައި ނެތް މައްސަލައަށް އޮތް ހައްލަކީ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ) ބާތިލު ކުރުން ނޫން ނަމަ އެ މާއްދާ މާނަކުރުން ކަމަށެވެ.

އޭގެއިތުރުން ޝާހީން ވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ 10،000 މެންބަރުންގެ ފޯމް ހުށަހެޅުމުން ކަމަށް ކަނޑައަޅާފައިވާ އެ ގާނޫނުގެ 11 ވަނަ މާއްދާ ވެސް ގާނޫނު އަސާސީގެ 30 ވަނަ މާއްދާއާ ޚިލާފުވާތީވެ އެ މާއްދާ ބާތިލުކުރުމަށް އެދިވަޑައިގެންފަ އެވެ.

އެމްޑީއޭގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އެ ހައްގު ރައްޔިތުންނަށް ލިބިދޭކަން ޔަގީން ކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ އެމްޑީއޭ އަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އޭރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އުފެދިފައި އޮތް ޕާޓީއެއް ކަމަށެވެ. އަދި އެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން 10،000 މެންބަރުންގެ އިތުރަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި ގާނޫނު އަސާސީގައި ބުނާ ގާނޫނުގެ ރައްކާތެރިކަމަކީ އެމްޑީއޭ އާއި އެ ޕާޓީގެ މެންބަރުންނަށް ވެސް ލިބެން ޖެހޭ އެއްޗެއް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ގާނުގައި ބުނާ ގޮތަށް މެންބަރުން ހަމަކުރުމަށް އެއްވެސް ފުރުސަތެއް ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެފަދަ ޕާޓީތަކުގެ މެންބަރުންނާއި މުވައްޒަފުންގެ ހައްގުތައް ގެއްލޭ އިރު ޕާޓީތަކުން ގާނޫނީ މުއާމަލާތް ހަދާފައިވާ ފަރާތްތަކުގެ ހައްގުތައް ގެއްލޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވަރަށް ގިނަ މަދަނީ މުއާމަލާތްތައް ސިޔާސީ ޕާޓީތަކުން ކޮށްފައި ހުންނައިރުގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވިގެންދާ ކަމަށް ގާނޫނުގައި ބުނެފައިވާ އިރު އެފަދަ މުއާމަލާތްތަކަށް ވާނެ ގޮތެއް ވެސް ނެތް ގާނޫނުގައި ކަނޑައަޅާފައި،" އުޝާމް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އެމްޑީއޭގެ އިންތިގާލީ ނާއިބް ލީޑަރު އަލީ މައުރޫފް އާއި އަދި އިންތިގާލީ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވެސް ހާޒިރުވެވަޑައިގަތެވެ.

ޝަރީއަތުގެ މަޖިލީހުގައި އާމިރު ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް މައުލޫމާތު ދެއްވައިފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް އެ މައްސަލަ ނިންމަވައި ދެއްވުމަށް ވެސް އާމިރު އެދިވަޑައިގަތެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ޝަރީއަތުގެ މަޖިލީސް ނިމުނީކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އިއުލާން ކުރެއްވި އިރު އިތުރު ވާހަކަފުޅެއް ވިދާޅުވެފައެއްނުވެ އެވެ.