ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝްގެ މަސައްކަތްތެރީން ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރެވޭން ހުރި ހުރިހާ ކަމެއް ވަޒީފާ ދޭ ފަރާތްތަކުން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވައިލައްވައިފިއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީން ދިރިއުޅޭ ހާލަތަށް ބަލައިލުން މުހިއްމު ކަމަށާއި އެމީހުންގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވައިލައްވާ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީން، ހާއްސަކޮށް ބަންގްލަދޭޝްގެ އަޚުންނާއި އުޚުތުން އުޅޭ ހާލަތަށް ރިއާޔަތް ކުރުން މުހިއްމު، މި ކަންތައްތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރެވޭން ހުރި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުގެ ގައުމުގެ މީހުންނަށް ގޮވައިލަން، " ރައީސް ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ފުރިހަމައަށް ލިބޭކަން ކަށަވަރު ކުރުމަށް ވެސް ރައީސް ވަހީދު ގޮވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބަންގްލާދޭޝްގެ 42 ވަނަ މިނިވަން ދުވަހާއި ގައުމީ ދުވަހުގެ ގެ މުނާސަބާގައި އެގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގެ މިނިވަންކަމާ ބެހޭ ގޮތުންނާއި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދާދިފަހުން އަވަހާރަވި ބަންގްލަދޭޝްގެ ރައީސް ޒިއްލުއްރަހުމާނަށް ރައީސް ހެޔޮ ދުއާ ކުރެއްވިއެވެ.