27 Mar 2013, 14:05
އައްޑޫ ސިޓީގެ އަވަށު ބޯޑުގެ ރައީސުންގެ ގޮތުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ބަޔަކު ހަމަޖައްސާފައިވާ މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލްގެ ހަ މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށާއި އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އިން އެ މައްސަލާގައި ދައުވާ ކުރަނީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)ގެ މައްޗަށާއި ސ. މަރަދޫ ހަޒާރުގެ އަބުދުﷲ ތޮއްޔިބުގެ މައްޗަށާއި ހިތަދޫ މާބަގީޗާގޭ، ހުސެއިން ފަހުމީ އާއި ހިތަދޫ ނާޒު، ހުސެއިން ހިލްމީ އާއި މީދޫ ކަށިމާވިލާ، ހަސަން ޝާހިދުގެ އިތުރުން ފޭދޫ މަގުމަތީގޭ، އަހުމަދު މިރުޒާދުގެ މައްޗަށެވެ. އަދި އެ މީހުންގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 2،197،714ރ. ހޯދުމަށް ވެސް އެދިފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ރަށު އޮފީސްތަކަށް އަވަށު ބޯޑު ރައީސުންގެ ގޮތުގައި ބަޔަކު ހޮވީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ތުހުމަތު ކުރާ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ރަށްރަށުގެ އަވަށު ބޯޑުތަކަށް ރައީސުން އައްޔަން ކޮށްފައި ވަނީ 01 މާޗް 2011ގަ އެވެ. އޭސީސީން ބުނީ އައްޑޫ ސިޓީ ކައުންސިލުން އަވަށުބޯޑެއް އުފެއްދި އިރު، ލާމަރުކަޒީ ގާނޫނުގެ އެއްވެސް މާއްދާއެއްގައި ސިޓީ ކައުންސިލަށް އަވަށު ބޯޑެއް އުފެއްދިދާނެ ކަމަށް އަދި އެއްވެސް މަގާމަކަށް މީހަކު ލެވިދާނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.
އޭސީސީން އަދި ބުނީ އަވަށު ބޯޑުގެ މެމްބަރުންގެ ގޮތުގައި ބަޔަކު ހަމަޖައްސާފައި ވަނީ ކައުންސިލް މެމްބަރުންނަކީ އެއްފިކުރެއްގެ މީހުންނަށްވެފައި، އަވަށްތަކުގެ އޮފީސްތަކުގައި ތިބި ސިވިލްސާވިސްގެ ސްޓާފުންނަކީ ސިޔާސީ ގޮތުން ސިޓީކައުންސިލްގެ މެމްބަރުންނާ ޚިޔާލުތަފާތު ބަޔަކަށްވާތީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާތީ އަވަށްތަކުގެ އޮފީސްތައް ހިންގުމަށް ކައުންސިލްގެ މެމްބަރުންނާ ޚިޔާލު އެއްގޮތް އެމީހުންނާ އެއްފިކުރުގެ މީހުން އެމަގާމުތަކަށް ގެނައުމުގެ ބޭނުމުގައި ކަމަށް ތަހުގީގުގައި ސިޓީ ކައުންސިލްގެ މެމްބަރުން ބުނެފައިވާ ކަމަށެވެ.
އަވަށު ބޯޑުތަށް އުފައްދި މައްސަލައާ ގުޅިގެން އޭސީސީން އަދި ބުނީ އަވަށު ބޯޑުތަކުގެ ރައީސުންނާއި ނައިބު ރައީސްގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތްތަކަކީ ރަށްރަށުގެ ރަށުކައުންސިލަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކުރިން އައްޔަން ކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ. އަދި އެފަރާތްތައް މަގާމު ހަމަޖައްސާފައި ވަނީ ސިޓީ ކައުންސިލް އުފެދުމާ ގުޅިގެން ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މަގާމު އުވިދާނެތީ އެފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ ބޭނުމުގައި ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނީ އައްޑޫސިޓީ ކައުންސިލް މެމްބަރުންގެ އެ ނިންމުމުގެ ސަބަބުން 2011 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް 2،197،714ރ. ގެ ގެއްލުން ވެފައިވާ ކަމަށާއި އަދި މިހާރު މަގާމުގައި ތިބި މީހުންގެ އަދަދަށްބަލާއިރު 2013 ޖެނުއަރީން ފެށިގެން މަހެއްގެ މައްޗަށް 110،000ރ. ގެ ގެއްލުން ދައުލަތަށް ގެއްލުން ވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.