އުމްރާގެ އަޅުކަން އަދާ ކުރުމަށް ޓަކައި އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕަށް ފައިސާ ދެއްކި 34 މީހަކަށް އުމްރާ އަށް ނުދެވިގެން އެ މައްސަލަ ފުލުހުނަށް އިއްޔެ ހުށައެޅުމާ ގުޅިގެން އެ ގްރޫޕުން އުމުރާ އަށް ދިއުމަށް ޓަކައި ފައިސާ ދެއްކި ބައެއް ފަރާތްތަކަށް އެ ފައިސާގެ ބަދަލުގައި ޗެކެއް ދީފި އެވެ.

އެސްބީޓީ ގްރޫޕުން މިފަހަރުގެ އުމުރާ އަށް މަންމަ އާއި ބައްޕަ ފޮނުވުމަށް ޓަކައި ފައިސާ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އޮންލައިނާ ވާހަކަ ދައްކަމުން ބުނީ އެ ގްރޫޕަށް އެމީހުންނާއި އިތުރު 19 މީހުންނަށް ދެއްކި ފައިސާގެ ބަދަލުގައި ޗެކެއް ދީފައިވާ ކަމަށެވެ. އަދި ޗެކް ދީދައިވަނީ ރޭ އެ ގްރޫޕުގެ އޮފީހަށް ގޮސް ނުރުހުން ފާޅުކުރުމުން މިއަދު ހެނދުނު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ރޭ 9:00 ކަންހާއިރު އެ އޮފީހަށް ގޮސް ނުރުހުން ފާޅުކުރުމުން މިއަދު ހެނދުނު 10:00 ޖަހާއެހާކަންހާއިރު އޭނާ ވަނީ ޗެކެއް ދީފައި. އަޅުގަނޑުމެން ދެއްކި ފައިސާގެ ބަދަލުގައި، ވަރަށް ނުރުހުން ފާޅުކޮށްގެން ޗެކް ވެސް ދިނީ. އޭރު ވެސް އޭނާ ބުނީ އަދިވެސް ފަހުގެ ތާރީހެއްގައި ގެންގޮސްދޭނަމޭ އެހެން ކިޔަވައިގެން ހައްދަން އުޅުމުން އެވަރުން ވެސް އަޅުގަނޑުމެން ކުރުނުކުރުމުން ދިނީ. އަޅުގަނޑުމެންނާ އެކު 19 މީހަކަށް ޗެކް ދިން،" އެމީހާ ބުންޏެވެ.

އޭނާ ބުނީ އެ ޗެކަށް ފައިސާ ނެގޭތޯ އަދި ނޫންތޯ ވެސް އަދި ނޭނގޭ ކަމަށެވެ. އަދި އޭނާ ވަނީ ސްޓޭޓް ބެންކް އޮފް އިންޑިއާގެ އެޗެކް ސަންގެ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެޗެކްގައި ސޮއިކޮށްފައި ވަނީ އަބްދުއްﷲ ބާގިރު ނަމަކަށް ކިޔާ މީހެކެވެ.

ސަން އަށް މައުލޫމާތު ދިންމީހާ ބުނީ އެ ގްރޫޕުން އެމީހުން އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށެވެ. އަދި މިމަހުގެ 20ގައި ފުރަތަމަ ފުރަން ބުނެފައިވާ އިރު އުމުރާ އަށް ދިއުމަށް އެ ގްރޫޕުގެ ފަރާތުން އެމީހުނަށް ދޭން ޖެހޭ އެއްވެސް ސާމާނެއް ވެސް ދީފައިނުވާ ކަމަށެވެ. އަދި އެމީހުނަށް އިއްޔެ ވެސް ނުފުރޭނެކަން އަންގާފައި ވަނީ އެއާޕޯޓަށް ދިއުމަށް ޓަކައި ގެއިން ނުކުންނަނިކޮށް ކަމަށާއި އަދި ފަހުން ގުޅާނެ ކަމަށް ބުނެ އިއްޔެ ގުޅާފައިނުވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުން މިފަހަރުގެ އުމުރާ އަށް އެ ގްރޫޕުގެ ފަރާތުން މުޅި ޖުމުލަ 34 ބޭފުޅުން ދިއުމަށް ހަމަޖެހިފައިވާ އިރު ކޮންމެ މީހަކަށް ވެސް 20000ރ. ދައްކައިފައިވެ އެވެ.

އެ މައްސަލާގައި އެސްބީޓީގެ ބަހެއް ހޯދުމަށް ޓަކައި އެ ގްރޫޕުގެ އިސްވެރިޔާ އަބުދުﷲ ބާގިރު ބުނީ އެމީހުނަށް އިއްޔެ ނުފުރުނީ ޓިކެޓުގެ މައްސަލައެއް ދިމާވެގެން ކަމަށާއި އަދި ފަހުގެ ތާރީހެއްގައި ދެވޭނެ ކަމަށް ބުނުމުން ބައެއް ފަރާތްތަކުން ހިންހަމަނުޖެހުމުން އެ ފަރާތްތަކަށް މިހާރު ޗެކެއް ދީފައިވާނެ ކަމަށެވެ. އޭނާ ބުނީ އެ ގްރޫޕުން ދިއުމަށް ދެކޮޅުހެދި 19 މީހަކަށް މިހާރު ފައިސާގެ ބަދަލުގައި ޗެކެއް ދީފައިވާނެ ކަމަށާއި އަދި އެ ގްރޫޕުން ދާން ބޭނުންވާ ފަރާތްތަކުން ގޮވައިގެން މިއަންނަ މަހުގެ ދެ ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުނަށް ހުށައަޅާފައިވާ ކަމަށް އިއްޔެ ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އަދި ފުލުހުން ބުނީ އެމައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.