27 Mar 2013, 13:38
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްގެންދާ އެސްޓީއޯ ފުރަތަމަ ޔުނިވާސިޓީ/ކޮލެޖް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޓީމާއި ވިލާކޮލެޖްގެ ޓީމު ވާދަކުރި މެޗު ބޮޑު ތަފާތަކުން އެމްއެންޔޫ ކާމިޔާބުކޮށްފި އެވެ.
މިމަހިގެ 23 ން 30ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި ރޭކުޅުނު ފޯރިގަދަ މެޗު އެމްއެންޔޫއިން ކާމިޔާބު ކޮށްފައިވަނީ 91 ޕޮއިންޓު 45 ޕޮއިންޓުންނެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު އެމްއެންޔޫއާއި ވިލާ ކޮލެޖްގެ ޓީމު ބައްދަލު ކުރިމެޗު 53 ޕޮއިންޓު 45 ޕޮއިންޓުން ކާމިޔާބުކުރީވެސް އެމްއެންޔޫގެ ޓީމެވެ.
ދެޑިވިޝަނަކަށް ބަހާލައިގެން ލީގު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ހުރިހާޓީމެއް ވާދަކޮށް ނިމޭއިރު ކޮންމެ ޑިވިޝަނަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެކެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ހަތަރު ޓީމު ބައިވެރިވި ފިރިހެން ޑިވިޝަންގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އެމްއެންޔޫއެވެ. އަދި އަދި ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ވިލާ އިންޓަނޭޝަނަލް ހައިސްކޫލް (ވީއައިއެޗްއެސް) އޮތްއިރު ތިން ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނައިގައި އޮތީ ވިލާ ކޮލެޖްގެ ޓީމެވެ. ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތީ ސެންޓަފޯ ހަޔަސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ޓީމެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ވީއައިއެޗްއެސްގެ ޓީމެވެ. ތިން ޕޮއިންޓާއެކު އެމްއެންޔޫ ދެވަނައިގައި އޮތްއިރު އެ ގުރޫޕުގެ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ވިލާ ކޮލެޖްގެ ޓީމެވެ. އަދި ކުޅުނު ދެމެޗުންބަލިވެ ތާވަލުގެ ފުލުގައި އޮތީ ސީއެޗްއެސްއީގެ ޓީމެވެ.