ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްޗަށް ހުށަހަޅައިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހު 8 ވަނަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ މަޖިލީހުގައި އެކަން އިއުލާން ކުރައްވައިފައެވެ. ދެ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގެ އިތުރުން ޖުޑިޝަލް ސާވީސް ކޮމިޝަނުގައި ރައްޔިތުން މަޖިލީހުގެ ފަރާތުން އިންނަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ކޮމިޝަނުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހަށް ޝެޑިއުލް ކޮށްފައެވެ.

ދެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުންނެވެ. އަދި ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ މެންބަރަކަށް ޖޭއެސްސީގައި ހުންނެވިގެން ނުވާނެ ކަމަށް ބުނެ ގާސިމް މައްސަލަ ވެސް ހުށަހަޅައިފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި 29 މެންބަރުން ތިއްބެވި އިރު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވަނީ 39 މެންބަރުންގެ ވޯޓުންނެވެ.